ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ބަދަލުކުރަން އުޅުނު ކަމުގެ ތުޙުމަތުގައި ބުދަ ދުވަހު ހައްޔަރުކުރި، ނަޖްމާ އިބްރާހިމް އާއި މުޙައްމަދު އަޒްމީ ހައްޔަރުކުރި ކުރުމަކީ، ޤަބޫލުކުރަން ދަތި ކަމެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އޮފީހުގައި މަސައްކަތްކުރާ ތުއްތު ކުއްޖެއްގެ މަންމައަކާއި، އެމަނިކުފާނުގެ ހަށިފާރަވެރިއަކު، ޓެރަރިޒަމާ ގުޅުން ހުރި މައްސަލައެއްގައި ހައްޔަރުކުރި ކުރުމަކީ ޤަބޫލުކުރަން ދަތި އަދި ހައިރާން ކުރުވަނިވި ކަމެއް ކަމަށެވެ.
ރައީސް މައުމޫންގެ މި ޓްވީޓްގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނާއި، އެމްނެސްޓީ އިންޓަރނޭޝަނަލް އާއި، އދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ އޮފީހާއި ދިވެހިރާއްޖޭގެ ޖެންޑަރ މިނިސްޓްރީ ޓެގް ކުރައްވާފައެވެ.
Incredible & shocking: a woman employee of my office nursing a 9-month old baby & a private security person were arrested by @PoliceMv last night on terrorism related charges. Beyond comprehension! @hrcmv @amnesty @UNHumanRights @Min_Gender
— Maumoon Abdul Gayoom (@maumoonagayoom) February 1, 2018
ބުދަ ދުވަހު ފުލުހުން ހައްޔަރުކޮށްފައި ވަނީ ރައީސް މައުމޫންގެ އޮފީހުގައި މަސައްކަތްކުރާ ނަޖްމާ އިބްރާހިމް އާއި ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާގެ ބައެއް ބޭފުޅުންގެ ހަށިފާރަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ މުޙައްމަދު އަޒްމީއެވެ.
ނަޖްމާ އާއި އަޒްމީގެ މައްޗަށް ފުލުހުން ތުޙުމަތު ކޮށްފައި ވަނީ، "ޤާނޫނާ ޚިލާފަށް ބަޔަކު ރާވައިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެންބަރުންތަކަކަށް ފައިސާ ދޭން އުޅޭ،" ކަމަށެވެ.
ނަޖްމާ އާއި އަޒްމީ ހައްޔަރުކުރުމަށް ނެރުނު ވަކި ދެ ކޯޓު އަމުރުގައި އެ ދެމީހުން ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާން ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ނަޖްމާ އާއި އަޒްމީ ފައިސާ ބެހި ކަމަށް ތުޙުމަތު ކުރެވޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުޙުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން ނަޖްމާ އާއި އަޒްމީ މުޖުތަމަޢުއަށް ދޫކޮށްފައި ބޭތިއްބުމަކީ، ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި، އަދި މިކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވައި، އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުޞަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކޯޓު އަމުރުތަކުގައި ބުނެފައި ވެއެވެ.
މި ދެ މީހުން ހައްޔަރުކުރުމުގެ އިތުރުން އެ ދެމީ ހުން ދިރިއުޅޭ ތަންތަން ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ. ނަޖްމާ ދިރިއުޅޭ މ. ވިސްޓީރިއާގެ ދެވަނަ ފަންގިފިލާ ބަލައި ފާސްކޮށް، އެތަނުން 1 ފޯނާއި، 1 ބުރުގާ (ޝޯލް) ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަޒްމީ ދިރިއުޅޭ މ. ޕެންޒީ ހައުސް ބަލައި ފާސްކޮށް، ފުލުހުން ވަނީ އެގެއިން އެއް ފޯނު އެ ސަރވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުޙުމަތުގައި ނަޖުމާ އާއި އަޒްމީ ހައްޔަރުކުރިއިރު ވޭތުވެދިޔަ ހަފްތާގައި ފުލުހުން ވަނީ ރައީސް މައުމޫންގެ ދަރިކަލުން، އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ވެސް މިފަދަ ތުޙުމަތެއްކޮށް، ފާރިސް އަލުން ހައްޔަރުކޮށްފައެވެ.