އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް ޕައުލް ރަޔަންއާއި ކޮންގްރެސްގެ އިތުރު މެމްބަރުން ދަތުރު ކުރައްވަމުން ގެންދެވި ރޭލެއް ޓްރަކެއްގައި ޖެހި މަދުވެގެން އެކަކު މަރުވެއްޖެއެވެ. ބުދަ ދުވަހު މި ހާދިސާ ހިނގާފައިވަނީ ވެސްޓް ވަރޖީނިއާގައި އޮތް ގާނޫނުހަދާ މަޖިލީހުގެ މެމްބަރުންގެ ހަފްލާއަކަށް ވަޑައިގަންނަވަނިކޮށެވެ.
ހާދިސާގައި މަރުވެފައިވަނީ ޓްރަކް ޑްރައިވަރުކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުދަ ދުވަހު މެންދުރުވަނީ ވިދާޅުވިއެވެ.
ބަލި މީހުންގެ ތެރެއިން ހަ މީހަކު ޔޫވީއޭ މެޑިކަލް ސެންޓަރަށް ބަދަލުކުރެވިފައިވާއިރު އެކެއްގެ ހާލު ސީރިއަސްކަމަށް ވަނީ ބުނެފައެވެ. ފަރުވާ ދިނުމަށްފަހު އެކަކު ދޫކޮށްލާފައިވާއިރު ހަތަރު މީހަކު އަދިވެސް ތިބީ އެޑްމިޓްކޮށްފައެވެ.
އެތައް މަސްދަރު ތަކަކުން ޚަބަރުދޭ ގޮތުގައި ރޭލުގައި ތިބި މެމްބަރުންނާއި އެ މެމްބަރުންގެ އާއިލާތަކަކުގެ މަދު މެމްބަރަކަށް ކުދި ޒަޚަމްތަކެއް ލިބުން ފިޔަވައި އިތުރު އެއްވެސް ޒަޚަމްތަކެއް ވެފައެއް ނުވެއެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ރޭލުގައި ވަޑައިގެންނެވީ ވެސްޓް ވަރޖީނިއާގައި ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ބާއްވާ ރިޓްރީޓަށެވެ.
އެ ވަގުތު ރޭލުގައި ވަޑައިގެން ނެތް ނައިބް ރައީސް މައިކް ޕެންސް މި ރިޓްރީޓްގައި ވާހަކަދައްކަވަން ތާވަލުކުރެވިފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރަކު ސީއެންއެންގައި ވިދާޅުވެފައިވަނީ ރޭވިފައިވާ ގޮތަށް ރިޓްރީޓް ކުރިޔަށްދާނެ ކަމަށެވެ.
ކޮންގްރެސްގެ ގިނަ މެމްބަރުންނަކީ މެޑިކަލް ޓްރެއިނިންގް ހައްދަވާފައިވާ ބޭފުޅުންނަށްވާއިރު އެ މެމްބަރުންވަނީ ޒަޚަމްވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.