ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ނައްތާލަން, ބަޔަކު އަޑީގައި ތިބެގެން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގައި ބުދަ ދުވަހުގެ ބޭއްވި ޝަރީއަތުގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވީ އޭނާއަށް ގާނޫނީ ރައްކާތެރިކަމެއް ނެތް ކަމަށާއި އިންސާފު ލިބޭނެ ކަމަށް ވެސް އުންމީދު ނުރައްވާ ކަމަށެވެ. ފާރިސް ވިދާޅުވީ އޭނާ ނައްތާލަން މަސައްކަތް ކުރަނީ ނުފޫޒު ގަދަ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.
ފާރިސް އެހެން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ، މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. މުއައްސަސާތަކުން އޭނާއާ މެދު އަމަލުކުރުމުގައި ތަފާތު ކުރުން ގެންގުޅޭ ކަމަށް ވިދާޅުވެ، ގާޒީގެ ސަމާލު ކަމަށް އެކަންތައްތަކަށް ފާރިސް ވަނީ ގެންނަވާފައެވެ.
ބުދަ ދުވަހު ބޭއްވި ފާރިސްގެ ޝަރީއަތް ނިންމާލާފައި ވަނީ އަންނަ އާދިއްތަ ދުވަހު އެ މައްސަލައިގެ ޝަރީއަތެއް ބޭއްވުމަށް ނިންމުމަށް ފަހުއެވެ. ނަމަވެސް ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވާ ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުންނާއި ފާރިސްގެ ދިފާއީ ވަކީލުން ޝަރީއަތް ފަސް ކުރުމަށް އެދުމުން، ގާޒީ ވަނީ ޝަރީއަތް ފަސްކުރުމަށް ދެކޮޅު ހައްދަވާފައެވެ. ގާޒީ ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ޝަރީއަތް އޮންނާނެ ކަމަށާއި ޝަރީއަތް ފަސްކުރެވެން ނެތް ކަމަށެވެ.