ސަރުކާރަށް ތާއީދު ކުރާ މެންބަރަކަށް ވެގެން ލިބިވަޑައިގެންނެވި އެއްވެސް ޕްރޮޖެކްޓެއް ނޯންނާނެ ކަމަށާއި، މިނިސްޓްރީތަކުގެ ޕްރޮޖެކްޓްތައް ނަގާފައިވަނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށް ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން، ސައުދުﷲ ވިދާޅުވީ، ސަރުކާރުގެ މެންބަރަކަށް ވެގެން ހޯދި ޕްރޮޖެކްޓްތަކެއް ނޯންނާނެ ކަމުގެ ކަމަށާއި ނާޖައިޒު ގޮތުގައި ޕްރޮޖެކްޓެއް ހޯދައިފައި އޮތްނަމަ ހަލާލު އަނތްބެއް ވެސް ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް ގެރެންޓީއާއި އެކު މި ދަންނަވަނީ. ނާޖައިޒު ގޮތުގައި ހޯދައިފައިވާ ޕްރޮޖެކްޓެއް އޮތް ނަމަ އަޅުގަނޑުގެ ހަލާލު އަނތްބެއްވެސް ނުހުންނާނެ. ހަލާލު ދަރިންވެސް ނުތިބޭނެ. އެ ހިތްވަރާ އެކު މިބުނަނީ، އެ ސާބިތުކަމާ އެކު މި ބުނަނީ. އަޅުގަނޑަކީ އެގޮތަށް މަސައްކަތް ކުރާ މީހެއް ނޫން. ފެށުނީއްސުރެ ވެސް. އެހެކަމުން ގަވައިދާ ހިލާފަށް ނުވަތަ އޮންނަ އުސޫލުން ބޭރުން ނޯންނާނެ އެއްވެސް ޕްރޮޖެކްޓެއް ލިބިފަ އެއް،." ސައުދު ﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ، އޭނާގެ ކުންފުންޏަށް ލިބުނު ބައެއް ޕްރޮޖެކްޓްތައް ވަކި ކުރީ ބޮޑު އަގެއް ހުށަހަޅާފައިވާ ކަމަށް ބުނެ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި އިންސާފުން ކުރިކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދުﷲ މިހެން ވިދާޅުވެފައިވާ އިރު އޭނާގެ ހިއްސާ އޮންނަ ކުންފުނި ސްވިފްޓް އިންޖިނިއަރިންގ އިން އަތޮޅު ތެރޭގައި ހިންގަމުންދިޔަ ހަ ޕްރޮޖެކްޓެއް ސަރުކާރުން ވަނީ ހުއްޓުވާފަ އެވެ. މި ޕްރޮޖެކްޓްތަކަށް ގާތްގަނޑަކަށް 66 މިލިއަން ރުފިޔާ އަރާ ކަމަށް ސައުދުﷲ ވަނީ ވިދާޅުވެފަ އެވެ.
މި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޅ ހިންނަވަރުގައި އާ ސިއްހީ މަރުކަޒު އިމާރާތްކުރުމާއި ޅ ނައިފަރުގައި ސްކޫލްގެ އިމާރާތެއް ކުރުމާއި ފ ނިލަންދޫ ސްކޫލްގެ އިމާރާތެއް ކުރުމާއި ލ މާވަށު ސްކޫލްގެ އިމާރާތެއް ކުރުމާއި ދ ކުޑަހުވަދޫ ސްކޫލްގެ އިމާރާތެއް ކުރުމާއި ލ ފޮނަދޫގައި ޖެންޑާ މިނިސްޓްރީގެ އިމާރާތެއްގެ މަސައްކަތް ހިމެނެ އެވެ.