ގުޅިފައިވާ ޕާޓީތަކުން ހއ. އިހަވަންދޫގައި ހުކުރު ދުވަހުގެރޭ ބާއްވަން އުޅޭ ޖަލްސާ ތަންތައްޔާރު ކުރަން އުޅުނު ފެނަކަ މުވައްޒަފެއް ކުއްލި ގޮތަކަށް ގދ. މަޑަވެއްޔަށް ފޮނުވާލަން ނިންމައިފިއެވެ.
ފެނަކައިން އިހަވަންދޫގައި ހިންގާ އިންޖީނުގޭގައި މަސައްކަތްކުރާ އެރަށު ޖަވާހިރުމާގޭ، ޢަބްދުލް އަލީމް ހަސަން ގދ. މަޑަވެލީ ފެނަކަ ބްރާންޗަށް ބަދަލު ކުރިކަން އަންގައި އޭނާއަށް ވަނީ ބުދަ ދުވަހު ޗިޓް ހަވާލުކޮށްފައެވެ.
އެޗިޓްގައި ބުނެފައިވަނީ ންނަ މަހުގެ 5 އިން ފެށިގެން މަޑަވެލީ ފެނަކަ ބްރާންޗަށް ބަދަލުކުރި ކަމަށާއި އެބަދަލަކީ ޑިޕާޓްމަންޓަށް ގެނެވުނު ބަދަލެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުލް އަލީމަކީ ޖޫން 15، 2014 އިން ފެށިގެން އިހަވަންދޫ ފެނަކަ ބްރާންޗުގައި ވަޒީފާ އަދާކުރަމުން އަންނަ މީހެކެވެ.
ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ އަތޮޅަށް ނިސްބަތްވާ އިހަވަންދޫ ބްރާންޗުގައި ހުއްޓާ ކުއްލިގޮތަކަށް އެތައް އަތޮޅުގެ ދުރަށް، ދެކުނުގެ ރަށަކަށް ބަދަލުކޮށްފައި މިވަނީ ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެރޭ އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާއަށް ތަންތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.
މީގެ އިތުރުން ބުދަދުވަހު ވަނީ މުސާރަ އާއި އިނާޔަތްތައް ވެސް ނުލިބޭ ގޮތައް ހއ. އިހަވަންދޫ ކައުންސިލްގެ ފަސް މެންބަރުން ތިން މަސްދުވަހަށް ސަސްޕެންޑް ކޮށްފައެވެ.