ޘާނަވީ ތައުލީމުގެ އިމްތިހާނުތަކުން، ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބުރާސްފަތި ދުވަހު ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފެބްރުއަރީ 1 ވަނަ ދުވަހު ސްކޫލުތަކުގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ފަތިސްނަމާދާ އެކު ކަމަށެވެ. ސްކޫލުތަކުގައި ފަތިސްނަމާދު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވާ އިރު ފަތިސްނަމާދަށް ފަހު ކީރިތި ގުރުއާން ހަތިމްކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ހެނދުނު 7 ޖަހާއިރު، ސްކޫލްތަކުގައި ހާއްސަ އެސެމްބްލީއެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި އެސެމްބްލީގައި ހާއްސަ ދުޢާއެއް ކުރެވޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ. ދުވަހާ ގުޅުވައިގެން ބާއްވާ ހާއްސަ އެސެމްބްލީ އަށް ފަހު، ދަރިވަރުންގެ ހާއްސަ ހަރަކާތްތަކެއް ވެސް ސްކޫލްތަކުގައި ކުރިއަށްދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ތަހުޒީބު މުޖުތަމައަކަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، ޘާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުގައި 2017 ވަނަ އަހަރު ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާ އިން ފާސްވި ދަރިވަރުންގެ ނިސްބަތް 77 އިންސައްތައަށް އަރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ 2016 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވެރިފައި ވަނީ 70 ޕަސެންޓް ދަރިވަރުން ކަމަށާއި މިދިޔަ 2017 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް 77 ޕަސެންޓަށް އިތުރުވުމަކީ ދަރިވަރުންގެ ތައުލީމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ދައްކުވައިދޭ ކަމެއް ކަމަށެވެ.
ނަމަވެސް އިދިކޮޅު އެމްޑީޕީން ބުނެފައި ވަނީ ދަރިވަރުންގެ ނަތީޖާއާ ބެހޭ ގޮތުން އެޑިއުކޭޝަނުން ވަރަށް ބޮޑު އޮޅުވާލުންތަކެއް ގެންގުޅޭ ކަމަށާއި ނަތީޖާ މަތިކަން ދެއްކުމަށްޓަކައި އޯ ލެވެލްގައި ބައިވެރިކުރަނީ ފުރާނާލައިގެން ކަމަށެވެ. .