މޭޑޭގެ މުޒާހަރާއާ ގުޅިގެން ހުކުމް ތަންފީޒުކުރަމުން ދިޔަ އަބްދުﷲ ރަޝީދު ކުއްލި ގޮތަކަށް މަރުވީ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭނާ މަރާލި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ބުދަ ދުވަހު އެމްޑީޕީ އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ރަޝީދަކީ ރައީސް ޔާމީންގެ ސަރުކާރުން މަރާލި މީހެއް ކަމަށެވެ. ރަޝީދުގެ މަރަކީ ކުއްލި މަރެއް ނޫން ކަމަށާއި، ސަރުކާރުން އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ހަމަ މަރާލީ އިނގޭތޯ، ރަޝީދަކީ ރައީސް ޔާމީންގެ މި ސަރުކާރުން ސީދާ މަރާލި މީހެއް އިނގޭތޯ" މޭޑޭ މުޒާހަރާގައި ހައްޔަރުކުރި މީހުންނަކީ ގައުމީ ބަތަލުން ކަމަށް ފާހަގަކޮށް މަހުލޫފް ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިހުމާލުން ގ. ކީމަ އުމުރުން 51 އަހަރުގެ އަބްދުﷲ ރަޝީދު މަރުވި ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމް ދަނީ ތަހުގީގު ކުރަމުންނެވެ. އެހެން ނަމަވެސް އެމައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް މިހާތަނަން އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.
މޭޑޭ މުޒާހަރާގައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ޖަލަށްލާފައި ހުއްޓާ ރަޝީދު މަރުވެފައި ވަނީ، މި އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ރަޝީދުގެ ހުކުމް ތަންފީޒުކޮށް ނިމެން އޮތީ އަންނަ އަހަރުގެ ފެބްރުއަރީ މަހަށެވެ.
ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ދެކެވެމުންދާ ވާހަަކަތަކާ ގުޅިގެން ކަރެކްޝަނުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނެތެވެ.
ރަޝީދު މަރުވެފައި ވަނީ އެތެރެހަށީގެ ގުނަވަންތަކުގައި އިންފެކްޝަން އުފެދި، ފުއްޕާމެއާއި ކިޑްނީ ފެއިލްވުމުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ، އޭނާގެ އާއިލާ އިން ކުރިން ބުނެފައިވެއެވެ.
ރަޝީދުގެ އައިލާ އިން ބުނެފައިވަނީ، އޭނާގެ މަރުގެ މައްސަލައިގައި ކަރެކްޝަނުގެ އިހުމާލުތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން ބަލިވެ، އެތައް ދުވަހެއްވީ އިރުވެސް އެންމެ އެކަށީގެންވާ ފަރުވާ ފޯރުކޮށްދީފައި ނުވުމާއި އެންމެ ފުރިހަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިނުވާ ކަމަށެވެ. އައިލާއަށް ކަންކަން ކުރަންވީ ގޮތް އެންމެ ފުރިހަމައަށް ކަރެކްޝަނުން ކިޔާދީފައި ނުވާ ކަމަށް އައިލާއިން ބުނެފައި ވެއެވެ.