ކ. މާލެ
|
1 ފެބްރުއަރީ 2018 | ބުރާސްފަތި 03:23
ހަމާސްގެ ސިޔާސީ ލީޑަރަކަށް ހަނިއްޔާ ހޮވިވަޑައިގެންފައި ވަނީ މެއި 2017 ގައި
ހަމާސްގެ ސިޔާސީ ލީޑަރަކަށް ހަނިއްޔާ ހޮވިވަޑައިގެންފައި ވަނީ މެއި 2017 ގައި
ރޮއިޓަރސް
ހަމާސް ޖަމާއަތް
ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާއަކީ ޓެެރެރިސްޓެއް ކަމަށް އެމެރިކާއިން ކަނޑައަޅައިފި
ސްޓޭޓް ޑިޕާޓްމަންޓުން ދައުވާ ކުރުމުގެ ފުރުސަތު ބޮޑު

ހަމާސްގެ ސިޔާސީ އިސް ލީޑަރު އިސްމާއިލް ހަނިއްޔާ ދުނިޔޭގެ ޓެރެރިސްޓުންގެ ލިސްޓުގައި އެމެރިކާއިން ހިމަނައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުދަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހަނިއްޔާއާއި ހަމާސްގެ ހަތިޔާރުއެޅި ގޮތްޕާއި ގާތް ގުޅުންތަކެއް އޮންނަ ކަމަށެވެ. އަދި އާއްމުން ވެސް ހިމެނޭ ގޮތުން އެ ފަރާތްތަކާ ހަތިޔާރާއެކު ކުރިމަތިލުމަށް ހަނިއްޔާ ގޮވާލާފައިވާކަމަށެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި 1987 ގައި ހަމާސް އުފެދުނު ފަހުން އެ ޖަމާތުގެ ބަވެރިވުމާއިއެކު ދެވިފައިވާ ހަމަލާތަކުގައި އެމެރިކާގެ 17 މީހުން މަރާލާފައިވެއެވެ.

ވޮޝިންގޓަންގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރު ބުނި ގޮތުގައި ހަނިއްޔާ މި ލިސްޓަށް ލުމާއިއެކު އޭނާގެ މައްޗަށް ދައުވާކުރުމުގެ ފުރުސަތު އެބަ އޮތެވެ.

"އޭނާގެ މުދާ ފްރީޒް ކުރާނެ.އޭނާއަށް ދަތުރުފަތުރުކުރުން މަނާކުރެވޭނެ.މިކަންކަމީ މި 17 މީހުންގެ މަރުގެ ތުހުމަތުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އޭނާ ޝަރީއަތަށް ހާޒިރުކުރުމަށް ފަސޭހަ ވެދާނެ ކަންކަން"

މީގެ އިތުރުން އެމެރިކާގެ ކުންފުންޏެއް ނުވަތަ ރައްޔިތަކު އޭނާއާއިއެކު ވިޔަފާރިކުރުން މަނާކުރެވިގެންދާނެއެވެ.

އިސްރާއީލުން ހިސާރުކޮށްފައި އޮންނަ ޣައްޒާގެ ސަރުކާރު ހިންގަމުންދާ ހަމާސް ޖަމާއަތް 1987 ވަނަ އަހަރު އުފައްދާފައިވަނީ ހިސާރު ނައްތާލުމަށް ހަތިޔާރާއިއެކު ހަރަކާތްތެރިވުމަށެވެ. އެ ޖަމާއަތުގެ ހަތިޔާރު އެޅި ގޮތްޕަކީ އިއްޒުއްދީނު އަލް ޤައްސާމް ބްރިގޭޑްސް އެވެ.

އުމުރުފުޅުން 54 އަހަރުގެ ހަނިއްޔާ އެ ޖަމާއަތުގެ ސިޔާސީ ލީޑަރަކަށް ހޮވިވަޑައިގެންފައިވަނީ މެއި 2017 ގައެވެ. އޭގެ ކުރިން އެ މަގާމުގައި ހުންނެވީ ޚާލިދް މިޝާލްއެވެ.

ޣައްޒާގައި ހުންނަވައި އަލް ޖަޒިރާއާއި ވާހަކަދެއްކެވި ހަމާސްގެ އިސް އޮފިޝަލެއްކަމަށްވާ ގާޒީ ހަމަދު ވިދާޅުވީ އެމެރިކާގެ މި ނިންމުމަކީ މީގެ އަހަރެއްކުރިން ރައީސްކަމުގެ މަގާމަށް ޑޮލަޑް ޓްރަމްޕް ވަޑައިގަތުމާއިއެކު ފަލަސްތީނާ ދެކޮޅަށް ފަށާފައިވާ ފުޅާ ކެމްޕެއިނުގެ ބައެއް ކަމަށެވެ.

 

 

- ކޮމެންޓް