ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމުގެ ތުހުމަތުގައި ތިމަރަފުށީ ދާއިރާގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، މުހައްމަދު މުސްތަފާ ފުލުހަށް ހާޒިރުކޮށް، ޖަވާބުދާރީވާން އިތުރު ފުރުސަތު ދީފިއެވެ.
ވެރިކަން ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކިކަމުގެ ތުހުމަތަށް ބުދަ ދުވަހުގެ ރޭ މުސްތަފާ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ. މުސްތަފާ ފުލުސް އޮފީހަށް ހާޒިރު ކުރީ ބުދަ ދުވަހުގެ ރޭ 8:00 ގައެވެ.
ފުލުހުން އޮފީހަށް ހާޒިރު ކުރުމުން، މުސްތަފާ ވިދާޅުވެފައި ވަނީ ތުހުމަތު ކުރާ މައްސަލާގައި ޖަވާބުދާރީ ވާނީ ވަކީލަކާއެކުގައި ކަމަށެވެ. ވަކީލަކާ އެކު ފުލުހުންގެ ތަހުގީގަށް ބަޔާން ދިނުމަށް "ދެތިން ދުވަހު"ގެ ފުރުސަތު ފުލުހުން ދީފައިވާ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ އޭނާގެ މައްޗަށް ތަހްގީގު ފަށާފައިވާ މައްސަލައާ ގުޅޭ ގޮތުން މީގެ ކުރިން ރައީސް އަބްދުﷲ ޔާމީނާ ވާހަކަ ދެއްކެވި ކަމަށެވެ. މުސްތަފާ ވިދާޅުވީ އެ މައްސަލައިގެ ތަހުގީގު ހުއްޓާލައި އެ "ކޭސް ޑްރޮޕް" ކުރަން ނިންމަވާފައިވާ ކަމަށް ރައީސް ޔާމީން އޭރު ވިދާޅުވި ކަމަށެވެ.
"އެ ތަހްގީގު ޑްރޮޕްކޮށް، ކޭސް ވެސް ކުލޯޒު ކުރާނެ ކަމަށް ރައީސް ވިދާޅުވި. އެ މައްސަލާގައި ޕާސްޕޯޓް ވެސް ހިފެހެއްޓުމަށް ފަހު ދޫކޮށްލި. އެކަމަކު އަނެއްކާ މިއުޅެނީ ތަހުގީގު ފަށައިގެން،" މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ އޭނާއަށް ބިރު ދެއްކުމަށް ކަމަށެވެ. ނަމަވެސް އޭނާގެ އަޒުމަކަށް ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށާއި އިދިކޮޅު ހަރަކާތުގައި ދެމިހުންނަވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާގެ މައްޗަށް ތުހުމަތު ކުރަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި، ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ ޢަމަލު ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.
މުސްތަފާގެ މައްޗަށް ތުހުމަތުކުރާ އެ ވާހަކަތަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ބަލައި ރާއްޖެ ޓީވީ ވަނީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.