ސައުދީ އަރަބިއްޔާ އިން ކޮރަޕްޝަނާ ދެކޮޅަށް މިދިޔަ ނޮވެމްބަރު މަހު ފެށި އޮޕަރޭޝަނާ ގުޅިގެން ހައްޔަރު ކުރި ފަރާތްތަކުގެ އަތުން ސައުދީ ސަރުކާރަށް 100 ބިލިއަނަށް ވުރެ ގިނަ ޑޮލަރު ހޯދާ ފައިވާ ކަމަށް ސައުދީ ސަރުކާރުން އަންގާރަ ދުވަހު ބުނެފިއެވެ.
ސައުދީގެ އެޓާނީ ޖެނެރަލް އަލް-މުތައިބު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ ތަހުގީގުގައި 381 މީހަކު ހާޒިރުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން ހާޒިރު ކުރީ ހެކީގެ ގޮތުގައި ކަމަށެވެ. އަދި ބައެއް މީހުންނަށް ކޮރަޕްޝަނުގެ ތުހުމަތު ކުރެވި އެ ފަރާތްތައް ދޫކޮށްލާފައި ވަނީ ދައުލަތަށް އެ ފަރާތްތަކުގެ ބައެއް މުދާތައް ނެގުމަށް ފަހު ކަމަށް ވެސް ބަޔާނުގައިވެއެވެ.
ސައުދީ ސަރުކާރުން ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި އެގައުމުގެ ވިޔަފާރިވެރިންނާއި މިހާރާއި އަދި ކުރީގެ ވަޒީރުންނާއި، ޕްރިންސުން ވެސް ހިމެނެއެވެ. ހައްޔަރު ކުރި ފަރާތްތަކުގެ ތެރޭގައި ހިމެނޭ ނުވަތަ ހިމެނުނު އެންމެ މަޝްހޫރު ފަރާތަކީ ބިލިއަނަރު ޕްރިންސް އަލްވަލީދް ބިން ތަލާލްއެވެ. އެމަނިކުފާނު ވަނީ މިދިޔަ ހޮނިހިރު ދުވަހު ދޫކޮށްލާފައެވެ.
ކޮރަޕްޝަނާ ދެކޮޅަށް ސައުދީން ފެށި އޮޕަރޭޝަން ފެށީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ބޮޑެތި ބާރުތަކަކާ އެކު މިދިޔަ ނޮވެމްބަރު މަހު އެކުލަވާލި ހާއްސަ ކޮމިޓީއަކުންނެވެ. މިކޮމިޓީގެ ޗެއަރމަނަކަށް އައްޔަން ކޮށްފައި ވަނީ ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނެވެ. މިކޮމިޓީގައި ދެން ތިއްބަވަނީ ސައުދީ ނޭޝަނަލް އެންޓި ކޮރަޕްޝަން އޮތޯރިޓީގެ ޗެއަރމަން، ޖެނެރަލް އޯޑިޓް ބިއުރޯގެ ޗެއަމަންގެ އިތުރުން އެޓާނީ ޖެނެރަލް އަދި ދައުލަތުގެ ސަލާމަތާ ބެހޭ އިސްވެރިޔާއެވެ.