ކ. މާލެ
|
31 ޖެނުއަރީ 2018 | ބުދަ 22:25
ޖަލުން މިނިވަންކުރި އެމްނެސްޓީ ޓަރކީގެ ވެރިޔާ ކިލިޗް
ޖަލުން މިނިވަންކުރި އެމްނެސްޓީ ޓަރކީގެ ވެރިޔާ ކިލިޗް
އެމްނެސްޓީ އިންޓަނޭޝަނަލް
ތުރުކީގެ ބަޣާވާތް
ތުރުކީވިލާތުން ހައްޔަރުކުރި އެމްނެސްޓީގެ އެކްޓިވިސްޓް ދޫކޮށްލައިފި
އޭނާ ހައްޔަރުކުރީ ޖޫން 2017 ގައި

ތުރުކީވިލާތުން މިދިޔަ އަހަރުގެ ޖޫން މަހު ހައްޔަރުކުރި އެމްނެސްޓީ އިންޓަނޭޝަނަލްގެ އެކްޓިވިސްޓް އަދި އެމްނެސްޓީ ޓަރކީގެ ވެރިޔާ ޓެނަރ ކިލިޗް ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.

ކިލިޗް ހައްޔަރުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޖުލައި މަހު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް ކުރަން އުޅުނު ބަޣާވާތަށް ފަހު އެޤައުމުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިންނެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ އެންކްރިޕްޓެޑް މެސެޖިން އެޕެއް ކަމަށްވާ 'ބައިލޮކް' ބޭނުންކުރިކަމުގެ ތުހުމަތުގައެވެ. ތުރުކީ އިން ތުހުމަތުކުރާ ގޮތުގައި އެ އެޕަކީ ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ތުރުކީ އިން ތުހުމަތުކުރާ ފަތުހުﷲ ގުލެންގެ ސަޕޯޓަރުން ބޭނުންކުރާ އެޕެކެވެ. އެހެން ނަމަވެސް ކިލިޗް ވަނީ އެތުހުމަތުތަކަށް އިންކާރުކޮށްފައެވެ. މީގެ އިތުރުން ޓެރަރިސްޓް ޖަމާޢަތެއްގެ މެމްބަރަކަށް ވުމުގެ ތުހުމަތު ވެސް އޭނާގެ މައްޗަށް ކުރިއެވެ. އެމްނެސްޓީ އިން ބުނީ އެތުހުމަތުތަކުގެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

މައި އޮފީސް ލަންޑަންގައި ޤާއިމްވެފައިވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނީ ކިލިޗްގެ ފޯނުގެ ފޮރެންސިކް އެނަލައިސިސްއެއް ހެދުމުން ވެސް، އެފަދަ އެޕްލިކޭޝަނެއް އެފޯނަށް އެޅިކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށެވެ. 

ކިލިޗްގެ އިތުރުން ވެސް 10 މީހެއްގެ މައްޗަށް މިމައްސަލައިގައި ދައުވާކުރެއެވެ. އެމްނެސްޓީ އިން ބުނީ ކިލިޗް މިނިވަންކުރުމުން މަރުހަބާ ކިޔާ ކަމަށާއި، އެހެންނަމަވެސް އެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޫކޮށްލަން ގޮވާލަމުންދާނެ ކަމަށެވެ. 

އެމްނެސްޓީ އިންޓަނޭޝަނަލުން ބުނީ މިދައުވާތަކަކީ ތުރުކީވިލާތުގެ ސަރުކާރުން ހިންގަމުންދާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކާ ދެކޮޅަށް އުފުލާ އަޑުތައް ކަނޑުވާލަން ހިންގާ އަމަލުތަކެއް ކަމަށާއި، އެހެން ނަމަވެސް މިދައުވާތަކުގެ ސަބަބުން ހާމަވެގެންދަނީ ތުރުކީވިލާތުގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ކަމަށެވެ. 

ތުރުކީވިލާތުގައި 2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތާ ގުޅިގެން 40 ހާހަށް ވުރެ ގިނަ މީހުން ހައްޔަރުކުރެވުނު އިރު، އެކި ވަޒީފާތަކުން ލައްކައަކަށް ވުރެ ގިނަ މީހުން ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންގެ އިތުރުން ޓީޗަރުންނާއި ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް ހިމެނެއެވެ. 

އެމެރިކާގައި ދިރިއުޅޭ ތުރުކީވިލާތުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ފަތުހުﷲ ގުލެން މި ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ތުރުކީ ސަރުކާރުން ބުނި ނަމަވެސް، ގުލެން އެކަން ދޮގުކުރެއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް