ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްގެ އޮފީހުގައި މަސައްކަތްކުރާ ނަޖްމާ އިބްރާހިމް ހައްޔަރުކޮށް، އޭނާ ދިއިރުޅޭ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ބައެއް ތަކެތި ގެންގޮސްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ނަޖްމާ ހައްޔަރުކޮށް، ފުލުހުން ވަނީ އޭނާ ދިރިއުޅޭ މ. ވިސްޓީރިއާ ބަލައި ފާސްކޮށް އެ ގެއިން ފޯނަކާއި ބުރުގާއެއް (ޝޯލްއެއް) ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.
ނަޖްމާގެ މައްޗަށް ފުލުހުން ތުޙުމަތު ކުރަނީ، "ޤާނޫނާ ޚިލާފަށް ބަޔަކު ރާވައިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ އަދި އިތުރު މެމްބަރުންތަކަކަށް ފައިސާ ދޭން އުޅޭ" ކަމަށެވެ.
ނަޖްމާ ހައްޔަރުކުރަން ބޭނުންވާ ސަބަބެއް ކަމަށް ކޯޓު އަމުރުގައި ބަޔާން ކޮށްފައި ވަނީ، މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް ނަޖްމާ ފައިސާ ބެހި ކަމަށް ތުޙުމަތު ކުރެވޭ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާ ގުޅިގެން ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ވެރިކަން ވައްޓާލުމަށް ޤާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ތުޙުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން ނަޖްމާ މުޖުތަމަޢުއަށް ދޫކޮށްފައި ބެހެއްޓުމަކީ، ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައިގެ ތަޙުޤީޤަށް ބޮޑެތި ހުރަސްތަކެއް އެޅި، އަދި މިކަންކަމާ ގުޅޭ ގޮތުން ލިބެން ހުރި ހެކި ފޮރުވައި، އަދި ހެކިބަސް ދޭން ތިބި ފަރާތްތަކަށް ނުފޫޒު ފޯރުވައި، އެ ހެކި ނައްތާލުމަށް ފުރުޞަތު ތަނަވަސްވެގެންދާނެ ކަމެއް ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.
ނަޖްމާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައި ވަނީވެސް މި ތުޙުމަތުތަކާ ގުޅިގެން މައްސަލައާ ގުޅޭ ހެކި ހޯދުމަށެވެ. އެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ގެއިން ހިފެހެއްޓި ތަކެތި ބަޔާންކޮށް، ފުލުހުން ދީފައިވާ ލިޔުމުގައި ބުނެފައިވަނީ އެ ގެއިން ހިފެހެއްޓީ 1 ފޯނާއި، 1 ބުރުގާ (ޝޯލް) ކަމަށެވެ.
އެ ލިޔުމުގައިވާގޮތުން ފުލުހުންގެ ބެލުމުގެދަށަށް ފޯނު ގެންގޮސްފައިވަނީ ބުދަ ދުވަހު ހަވީރު 17:14 ގައި މ. ވިސްޓީރިއާ ގޭގެ ދެވަނަ ފަންގިފިލާގެ ފުރަތަމަ ޖެހޭ ކޮޓަރީގައި ހުރި ބަންކު ބެޑެއް މަތިން ކަމަށެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ބުރުގާ (ޝޯލް) ގެންގޮސްފައިވަނީ ބުދަ ދުވަހު ހަވީރު 17:36 ގައި މ. ވިސްޓީރިއާ ގޭގެ ދެވަނަ ފަންގިފިލާގެ ފުރަތަމަ ޖެހޭ ކޮޓަރީގައި ހުރި ޑަބަލް ބެޑެއް މަތިން ކަމަށެވެ.