ނޫސް މަޖައްލާތަކުގެ އެޑިޓަރުކަން ކުރެވޭނީ ނޫސްވެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން ޑިގްރީއެއް އޮންނަ މީހަކަށް ކަމަށް ކަނޑައަޅައި ނޫސްމަޖައްލާ ފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ އާ ޤަވާއިދު އެކުލަވާލައި ގެޒެޓް ކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކޮށްފައިވާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ނޫސް މަޖައްލާގެ އެޑިޓަރުގެ ޝަރުތުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ޙާސިލްކޮށްފައިވުމާ އެކު މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްގެން ޝާއިޢު ކުރާ ނޫހެއްގައި 5 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން ހިމެނެއެވެ.
މީގެ އިތުރުން އުމުރުން 25 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، ދީނުގައި ޙައްދެއް ކަނޑައަޅާފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ކުޑަކުދިންނާ ބެހުމުގެ އެއްވެސް ކުށެއް ސާބިތުވެފައި ނުވާ މީހަކަށް ވާން ޖެހެއެވެ. އަދި އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ކުށެއް ސާބިތުވެފައި ނުވުމާއި މަސްތުވާތަކެތީގެ ކުށެއް ސާބިތުވެފައިވާ ނަމަ އެކުށެއްގެ ހުކުމް ތަންފީޒް ކުރިތާ ނުވަތަ އަދަބު މަޢާފް ކުރިތާ 5 އަހަރު ވެފައިވުން އެޑިޓަރުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރެފައިވާ މި ޤަވާއިގައި ބުނެފައިވާ ގޮތުގައި ނޫސް މަޖައްލާއެއްގެ މަސްއޫލުވެރިއަކު ޝަރުޢީ ގޮތުން ބަންދުވާތާ 15 ދުވަހުގެ ތެރޭގައި އެހެން މަސްއޫލުވެރިއަކު ހަމަނުޖެއްސިއްޖެ ނަމަ އެ ނޫސް މަޖައްލާއެއް އުވާލެވޭނެއެވެ. އަދި އެޑިޓަރު ޝަރުޢީ ގޮތުން ބަންދުވެއްޖެ ނަމަ ނުވަތަ މަގާމުން ވަކިވުން ނުވަތަ ވަކިކޮށްފި ހާލަތެއް މެދުވެރިވާތާ ތިން ދުވަހުގެ ތެރޭގައި އެމަޤާމާ ހަވާލުވާ އެހެން މީހެއްގެ އިއުތިރާޒެއް ނެތްކަމުގެ ކިޔުމާ އެކު ހޯމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
މިހާރު ޢަމަލް ކުރަން ފަށާފައިވާ މި ޤަވާއިދު ބުނާ ގޮތުން ނޫސް މަޖައްލާތަކުގެ ގޮތުގައި އޮންލައިން ނޫސްތައް ވެސް ހިމެނޭނެއެވެ.