މިއަދަމީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރު ބަލިވެއްޖެކަން އެނގުނު އެއް ދުވަސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކަށް ގޮތެއް ނިންމުން ލަސްވަމުންދާތީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރެއްވުމަށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު، ނިކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމުން އުފާކުރައްވާ ކަމަށާއި ކޮމިޝަނުގައި ދެން ތިއްބެވި މެމްބަރުން ވެސް އިސްތިއުފާ ދެއްވުމަށް ގޮވާލައްވާ ކަމަށެވެ.
"މިއަދުމީ ރައީސް ޔާމީންގެ ހުދުމުހުތާރު ސަރުކާރު ބަލިއްވެއްޖެކަން ސާފުކޮށް އެނގުނު އެއްދުވަސް. އެނައްޓާލައިގެން ދިޔައީ މިހާތަނަށް ރައްޔިތުންނާ އިދިކޮޅަށް ހިންގަމުން ގެންދިޔަ ޖަރީމާގެ އެންމެ މައި އެއް މޫ. އަޅުގަނޑު އުފާކުރަނީ އަހުމަދު ސުލައިމާނަށް އެފުރުސަތު ލިބިވަޑައިގަތީމާއި ދުރަށް ޖެހިވަޑައިގަތީމަ. މިހާތަނަށް ކުރެއްވި ކަންތައްތައް ކުރެއްވީ، އެހެންނަމަވެސް އިތުރަށް މިޖަރީމާގައި ބައިވެރިވެވަޑައިނުގަތް އެކަން ކުރެއްވީތީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނަ ގޮތުން ސުލައިމާނަށް ކޮންމެވެސް އެހެންތަނަކުން ވަޒީފާއެއް ހަމަޖައްސައިދެއްވައި، ސުލައިމާނު ލައްވާ އިތުރު ގޯސް ކަންތައްތައް ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެެވެ. އަދި ހަމައެއާ އެކީގައި އިލެކްޝަންސް ކޮމިޝަނަށް ވެސް އަދި މިއަށް ވުރެ ގޯސްކޮށް ކަންތައްތައް ކުރާނެ މީހަކު ހަމަޖެއްސޭތޯ ރައީސް ޔާމީން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"އެބޭފުޅުންނަށް އަޅުގަނޑު ދައްނަވާލަން ބޭނުންވަނީ (ރައީސް ޔާމީންއާ އެކު) މިކަން މި ނިމެނީއްޔޭ. ދެން މިޖަރީމާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމެއް ނެތޭ. އިތުރަށް ގައިގާ ލައްޖެހޭނެ ކަމެއް ނެތޭ. ދުރަށްޖެހިވަޑައިގަންނަވާށޭ، ރައްޔިތުން މި މޮޅުވަނީޔޭ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު މިހާރު ބަލިވެ، މިސަރުކާރު ނިމުމަކަށް އަންނަނީ ކަމަށާއި އެހެންކަމުން އިތުރަށް ރައީސް ޔާމީނާ އެކު ޖަރީމާތައް ހިންގަން އުޅުމަކީ އެމީހެއްގެ ފަސްބައި ކިލަނބު ވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ އަހުމަދު ސުލައިމާން ކޮމިޝަނުގެ ރައީސަކަށް ހުންނަވައިގެން، ރައްޔިތުންނާ ދެކޮޅަށް، ރައީސް ޔާމީން ވިދާޅުވެގެން ހިންގެވި ޖަރީމާތައް އެއީ ގާނޫނީ އިމުން ބޭރުން ހިންގެވުނު ޖަރީމާތަކެއް ކަމަށް. އެހެންވީމާ އެމަނިކުފާނު ދުރަށް އެޖެހިވަޑައިގަތީ. އަޅުގަނޑު މިއަދު އިލްތިމާސްކުރަން ކޮމިޝަނުގައި ދެން ތިއްބެވި މެމްބަރުން ވެސް އަހުމަދު ސުލައިމާނުގެ ނަމޫނާއާ އެއްގޮތަށް، އެދެއްކެވި މަގުން ހިންގެވުމަށް، ދުރަށް ވަޑައިގަތުމަށް. ރައީސް ޔާމީން މި ހިންގަވާ ޖަރީމާގައި އިތުރަށް ބައިވެރިވެވަޑައިނުގަތުމަށް،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ގާނޫނާ ހިލާފަށް ކުރާ ކޮންމެ އަމަލަކަށް ޖަވާބުދާރީ ވާންޖެހޭނެ ވަގުތު އަންނާނެ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގައި ވަޒީފާގައި އުޅުއްވާ ފަރާތްތައް ވެސް އެކަން ހަނދާނުގައި ބަހައްޓަވައިގެން، ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ގޮވާލައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ފަނޑިޔާރުން ކަމަށް ވިޔަސް މިނިވަން މުއައްސަސާތަކުގެ ވެރިން ކަމަށް ވިޔަސް ގާނޫނާ ހިލާފަށް އެއްވެސް މީހަކު ކުރާ އަމުރަކަށް ތަބާވާނެ ކަމެއްނެތް. އަޅުގަނޑުމެން ގަލައިގަތްފައިވާ ގާނޫނުއަސާސީގެ ހަތަރު ވަނަ މާއްދާގައި ބުނެފައި އޮންނަ ރައްޔިތުންގެ ބާރު އޮތީ ގާނޫނާ އެއްގޮތަށް އަމަލު ކުރާ މީހުންނާ އެކު،" ޝާހިދު ވިދާޅުވިއެވެ.