މިއަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހަރަކާތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އަންގާރަ ދުވަހު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފް ވިދާޅުވީ ރާއްޖެވަޑައިގެން ކުރިއަކޭ އެއްގޮތަށް، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ހިލާފަށް ކުރާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. މި އަހަރަކީ ރިޔާސީ އިންތިހާބުގެ އަހަރުކަމަށް ވާތީ ދިވެހި ރައްޔިތުން ބިރުފަހަނައަޅައި ގޮސް، މަސައްކަތް ކުރަންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑު ވެސް ޖަލަށް ލާފާނެ. ހައްޔަރުކޮށްފައިވާ ކަމުގެ ބިރު އޮތްވާ ރާއްޖެ މިއައީ ރައްޔިތުންނާ އެކު އިސްލާޙީ ހަރަކާތުގައި ބައިވެރިވާން. މި ކުރާ މަސައްކަތުގައި ކުރިއަށްދާނަން،" މަހުލޫފް ވިދާޅުވިއެވެ.
އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުދަ ދުވަހުގެރޭ (މިރޭ) 9:00 ގައި އެމްޑީޕީ ހަރުގޭގައި ހާއްސަ ޖަލްސާގައި ބައިވެރިވަޑައިގަންނަވާނެ ކަމަށް މަހްލޫފް ވިދާޅުވިއެވެ. މި ޖަލްސާގައި ވިހާ ވެސް ގިނަ ރައްޔިތުން ބައިވެރިވުމަކީ އިދިކޮޅު ހަތަރު ލީޑަރުންގެ އެދުމެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ހޭދަކުރެއްވި ހަތަރު މަސްދުވަހު އެކަށީގެންވާ ގިނަ މަސައްކަތަކެއް ކުރެވުނު ކަމަށެވެ. ރާއްޖޭ އިން ބޭރުގައި ހުންނަވަނިކޮށް އޭނާގެ ޕާސްޕޯޓް ތިން މަސް ދުވަހަށް ހިފެހެއްޓިކަން ފާހަގަކުރަމުން މަހުލޫފް ވިދާޅުވީ އެނބުރި މާލެ ވަޑައިގެންނެވި އިރު އެއްވެސް ސުވާލެއް ނުކުރާ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފު ރާއްޖެ ވަޑައިގަންނަވާފައި މި ވަނީ މަހުލޫފުގެ މާމަގެ ހާލު ވަރަށް ބޮޑުވެ އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށެވެ.
މަހުލޫފް ރާއްޖެވަޑައިގެންނެވިއިރު ޖީނާއީ ތުހުމަތުތަކެއް ކޮށް، ފުލުހުން ދަނީ މައްސަލަ ތަޙްގީގް ކުރަމުންނެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހު މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި މެމްބަރުންތަކެއް ސިފައިންނާ މާރާމާރީ ހިންގިކަމުގެ ތުހުމަތު މަހުލޫފްގެ މައްޗަށް ވެސް ވަނީ ކޮށްފައެވެ.
މީގެ ކުރިން ވެސް ތަފާތު އެކި ފަހަރު މަތިން މަހްލޫފް ހައްޔަރުކޮށް ޖަލަށް ލާފައި ވެއެވެ.