ތައިލޭންޑުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވައިފިއެވެ.
ރައީސް އޮފީހުން ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "ތައިލެންޑުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި ޖެނުއަރީ 30 ވަނަ ދުވަހު އެމްބަސީއެއް އުފައްދަވައި، އެ ތަނަކީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ދަށުން ހިނގަމުންދާ ތަނެއް ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އެމްބަސީއެއް ތައިލެންޑުގައި ޤާއިމުކުރެއްވީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން ބޭރު ދުނިޔެއަށް ރާއްޖެ ތަޢާރުފުކޮށް، ތައިލެންޑާއި ދިވެހިރާއްޖެއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އިން ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ތައިލެންޑުގައި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ދިވެހިރާއްޖެ އާއި ތައިލެންޑާ ދެމެދު އެކުވެރިކަން ބަދަހިކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުންޏެއެވެ.