ހައުސިން މިނިސްޓްރީގެ މަސައްކަތްތަކުގައި ގާނޫނާ ހިލާފަށް ބިދޭސީން ގެންގުޅޭ ކަމަށް އެކި ފަރާތްތަކުން ތުހްމަތުކޮށްފައި ވަނިކޮށް، އެއީ ހަގީގަތެއްކަން އޮޑިޓަ ޖެނެރަލް ހާމަކުރައްވައިފި އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ބުދަ ދުވަހު ނެރުއްވި ހައުސިން މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ 2015 ވަނަ އަހަރު މާލޭގެ މަގުތައް މަރާމަތުކުރުމަށާއި ތިން ރުއް ޕާކް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔައީ، އަމިއްލަ ފަރާތްތަކުން އެކި މަސައްކަތްތައް ގެނެސްފައިވާ 59 ބިދޭސީއަކު ލައްވައި ކަމަށެވެ. އެ ބިދޭސީންގެ މުސާރައިގެ ގޮތުގައި ޖުމުލަ 619،986 ރުފިޔާ ދީފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ބުނެ އެވެ.
"މިއީ ރާއްޖެ އެތެރެވުމަށް ފަހު ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ފަރާތްތަކެއް ކަމާއި އަދި މިފަރާތްތަކަކީ މިނިސްޓްރީގެ މަސައްކަތްތަކެއް ކުރުމަށް ރާއްޖެ ގެނެވިފައިވާ ބައެއް ނޫންކަން ވެސް ފާހަގަކުރެވެ އެވެ،" އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.
އިމިގްރޭޝަން ގާނޫނުގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ ރާއްޖެ އަށް އެތެރެވުމުގެ ހުއްދަ ނެތް ބިދޭސީއަކު ނުވަތަ މަސައްކަތް ކުރުމުގެ ހުއްދަ ނެތް ބިދޭސީއަކު ލައްވައި އެއްވެސް މަސައްކަތެއް ކުރުވައިގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް އަންނަ ބިދޭސީންގެ ވަރކް ވިސާއާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ ކ.ގައި ދިވެހިރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭ ކޮންމެ ބިދޭސީއަކު ވެސް އޭނާ އަށް ދެވިފައިވާ ހުއްދައިގައިވާ ދާއިރާއިން ބޭރުގައި ނުވަތަ ހުއްދައިގައިވާ ޝަރުތުތަކާ ހިލާފަށް އަމަލުކުރުމަކީ މަނާ ކަމެއް ކަމަށެވެ.
ގާނޫނާ ހިލާފަށް ބިދޭސީން ލައްވައި މަސައްކަތް ކުރުވި ނަމަވެސް ހައުސިން މިނިސްޓްރީގެ ވެރިންގެ މައްސަލަ ބެލުމަށް އެންގުމުގެ ބަދަލުގައި، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ގަވާއިދާ ހިލާފަށް ބިދޭސީން ނުގެންގުޅުމަށެވެ.