އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވައިފި އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ސުލައިމާން އިސްތިއުފާގެ ސިޓީ ހުށަހެޅުއްވީ ބުދަ ދުވަހު އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސުލައިމާން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެންނެވެ. އަދި ސުލައިމާނު، މިނިވަން މުއައްސަސާއެއްގެ ރައީސް ކަމަށް ވަރަށް އަވަހަށް އައްޔަންކުރަން ހަމަޖެހިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ސުލައިމާނު އައްޔަންކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހު އެވެ.
ސުލައިމާނުއަކީ ރައީސް ޔާމީނުގެ ޕީޕަލްސް އެލަޔަންސް(ޕީއޭ) ގެ ކައުންސިލް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.
ސުލައިމާން އިސްތިއުފާ ދެއްވާފައިމިވަނީ، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާތީ، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ކޮމިޝަނަށް އަމާޒުވެފައިވަނިކޮށެވެ.
އެގޮތުން، އިދިކޮޅު ފަރާތްތަކުން ދަނީ ކޮމިޝަނުގެ މެންބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް ބުނާ މެންބަރުންތައް ދަނީ އިލެކްޝަންސް ކޮމިޝަނަށް ގޮސް ކޮމިޝަނުގެ މެންބަރުންނާއި ބައްދަލުކުރުމަށް އެދެމުންނެވެ.
ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ބުނާ ގޮތުގައި، މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަނާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ.