ފާރިސް މައްސަލައިގައި ފޮރެންސިކް ތަހްލީލު ހެދުމަށް ދައުލަތުން ދެކޮޅު ހެދުމުން މިއަދު ކުރިއަށްދާ އޭނާގެ ޝަރީއަތް މެދުކަނޑާލައިފި އެވެ.
މިއަދު 11:40 ގައި ފެށި ފާރިސްގެ ޝަރީއަތް މެދުކަނޑާލީ 12:25 ހާއިރު އެވެ.
ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތަކުގެ މިނިވަން ފޮރެންސިކް ތަހްލީލެއް ހަދާނެ ފަރާތެއް ހޯދުމަށް ފުރުސަތު ދީފައިވެ އެވެ. އެ އެކަމަށް ދައުލަތުގެ މައްސަލައެއް ނެތް ކަމަށް ކުރިން ވަނީ ބުނެފަ އެވެ.
ނަމަވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ފޮރެންސިކް ތަހްލީލު ހެދުމަށް ދައުލަތުން ދެކޮޅު ހެދީ، މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވި ގޮތުގައި، އެ ފުރުސަތު ދީފި ނަމަ މައްސަލަ ދިގުލައިގެން ހިނގައިދާނެތީ އާއި ފުލުހުންގެ ތަހްގީގާމެދު ސުވާލު އުފެދިދާނެތީ އާއި ދައުވާ ލިބޭ ފަރާތުން މިނިވަން ފަރާތެއް ލައްވައި ފޮރެންސިކް ތަހްލީލުކުރުމަށް ހެދުމުގެ އުސޫލެއް ނެތުމުން އަދި ހަމަހަމަ ފުރުސަތު ގެއްލިގެން ދާނެތީ އެވެ.
މިހާރު ކޯޓްގައި ކުރިއަށް ގެންދާ ފާރިސްގެ މައްސަލައިގައި އޭނާ ބަންދުކޮށް 191 ދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލިތާ ދެ ދުވަސް ފަހުން، މިދިޔަ ހޮނިހިރު ދުވަހު އަލުން ވަނީ ހައްޔަރު ކޮށްފަ އެވެ. މިފަހަރު ވެސް ފާރިސް ހައްޔަރު ކުރީ ރިޝްވަތު ދިން މައްސަލައިގައި ކަމަށް ވާއިރު، އެއް ތުހްމަތެއްގައި ދެ ފަހަރު ބަންދު ކޮށްފައި ވާތީ އޭނާ ދޫކޮށްލުމަށް މިއަދުގެ ފާރިސްގެ ވަކީލް މައުމޫން ހަމީދު ހުށަހެޅުއްވި އެވެ.
ނަމަވެސް ގާޒީ ވިދާޅުވީ ފާރިސް މިހާރު ހައްޔަރުކޮށްފައި ވަނީ އެހެން މައްސަލައެއްގައި ކަމަށް ވާތީ އެކަމަށް ގޮތެއް ނުނިންމެވޭނެ ކަމަށެވެ.