ބުދަ ދުވަހުގެ ރޭ ފެންނަ "ސުޕަރ ބްލަޑް ބުލޫ މޫން" އާއެކު ހަނދު ކޭތައެއް ހިފާނެތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާރަށެއްގައި މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އުތުރު އެމެރިކާގެ ހުޅަނގު ފަރާތުގެ ސަރަހައްދު ތަކަށާއި، އޭޝިއާ، މެދު އިރުމަތި، ރަޝިއާ އަދި އޮސްޓްރޭލިއާ އަށް ފެންނާނެ ކަމަށް ބެލެވޭ ހަނދުކޭތަ އަދި 150 އަހަރަށް ފަހު ހިފާ މި ކޭތަ (ސުޕާ ބްލޫ ބްލަޑް މޫން) ރާއްޖެއަށް ފެންނަން ފަށާނީ ބުދަ ދުވަހު 5:51 ހާއިރުއެވެ. އަދި ކޭތަ ވީއްލާނީ ރާއްޖެ ގަޑިން ބުދަދުވަހުގެ ރޭ 7:40 ހާއިރު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ވެސް އެއް މިސްކިތެއްގައި ކޭތަ ނަމާދު ކުރާނެ ކަމަށާއި މާލޭގެ އިސްލާމީ މަރުކަޒުގައި މަޣްރިބު ނަމާދު ނިންމައި ފަސް މިނެޓުގެ ވަގުތު ކޮޅަކަށް ފަހު ކޭތަ ނަމާދު ކުރުމަށް ފަހު ހާއްސަ ހުތުބާ އެއް ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސުޕަރ މޫން ނުވަތަ ދުނިޔެއާ އެންމެ ގާތަށް ހަނދު އަންނަ ވަގުތު ކޭތަ ހިފާ ހާދިސާ ހިނގުމަކީ ތަންކޮޅެއް ގާތް ގާތުގައި ހިނގާ ކަމެކެވެ. އެންމެ ފަހުން އެފަދަ ހާދިސާ އެއް ހިނގީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ހަނދުކޭތައިގެ ހާދިސާ އަކީ މަދުވެގެން އަހަރަކު 2 ފަހަރު ހިނގާ ކަމެކެވެ.
ސްޕަރމޫން އަހަރަކު ހަތަރެއް ނުވަތަ ހަ ފަހަރު ފެނިދާނެއެެވެ.