ނެޝެނަލް ޑްރަގް އެޖެންސީގެ ދެ މުވައްޒަފެއްގެ އުޖޫރަ ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓުން ސްޕޮންސަރ ކޮށްފިއެވެ.
ސްޕޮންސަރޝިޕްގެ އެއްބަސްވުމުގެ ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ބުދަ ދުވަހު މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައެވެ.
ސިނަމަން ދޮންވެލިގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ނަލިންދާ ލިޔަނަގެއެވެ. އަދި އެންޑީއޭގެ ފަރާތުން ސޮއި ކުރެއްވީ އެ އެޖެންސީގެ ސީއީއޯ ހަސަން ޝަހީލްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ މިނިސްޓަރ އަޒްލީން އަހްމަދު ވިދާޅުވީ ފުރަތަމަ ފަހަރަށް އިސްނަގައިގެން އެންޑީއޭގެ ދެ ކައުންސިލަރުންގެ އުޖޫރަ ދިނުމަށް ނިންމުމުން އެކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި މިކަހަލަ އެހީތެރިކަމަކީ މުޖުތަމައު އިތުރަށް ބިނާ ކުރުމަށްޓަކައި ދެވޭ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓުގެ ފަރާތުން ދެ ކައުންސިލަރުންގެ އުޖޫރަ ސްޕޮންސަރ ކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ސިނަމަން ދޮންވެލީގެ ޖެނެރަލް މެނޭޖަރ ނަލިންދާ ލިޔަނަގެ ވިދާޅުވީ މިކަހަލަ ފުރުސަތެއް ލިބުނު ކަމަށްޓަކައި އުފާކުރައްވާ ކަމަށާއި މި އެއްބަސްވުން ފުރިހަމައަށް ގެންދިއުމަށްޓަކައި އެ ރިސޯޓުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
މި ސްޕޮންސަރޝިޕް އަކީ ދެ ލައްކަ ހަތްދިހަ ހަ ހާސް ރުފިޔާގެ ސްޕޮންސަރޝިޕް އެކެވެ.
އެންޑީއޭގެ ސީއީއޯ ހަސަން ޝަހީލް ވިދާޅުވީ މި ދެ ކައުންސިލަރުން ބޭނުން ކުރެވިގެންދާނީ އެންޑީއޭގެ ފަރާތުން މިހާރު ދޭ ޚިދުމަތްތައް އަވަސް ކުރުމަށާއި ޚިދުމަތްތައް ރަނގަޅު ކުރުމަށް ކަމަށެވެ.
ސަރުކާރުގެ ބައެއް ކުންފުނިންތަކުން މިހާރު ވެސް އެންޑީއޭ އަށް ސްޕޮންސަރޝިޕް ދީފައިވާކަން އެ އެޖެންސީން ވަނީ ފާހަގަ ކޮށްފައެވެ.