ޓާޓާ ފްލެޓްތައް ވިއްކުން މެދުކަނޑާލުމަށްފަހު އަލުން އެ ފްލެޓްތައް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޯޓަލްއެއް މެދުވެރިކޮށް ފްލެޓް ގަތުމުގެ ފުރުސަތު ހުޅުވާލިކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކުރިކަމުގައި ވިއަސް އެ ޕޯޓަލްއަށް ނުވަދެވުމުގެ ޝަކުވާ ބޮޑުވެއްޖެއެވެ.
ހައުސިން މިނިސްޓްރީން އެގޮތަށް އިއުލާންކޮށްފައިވަނީ މިއަދު ހެނދުނު 9:30 ގައެވެ.
އެމިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެތަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް https://sales.hdc.com.mv/ އަށް ވަދެ ފްލެޓްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. މި ޕޯޓަލް އަށް ވަދެވޭނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކަމަށާއި އަދި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10 ން ހަވީރު 3 އަށް ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމަށް ކުރިމަތިލެވޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފައެވެ.
އެހެން ނަމަވެސް އެ ޕޯޓަލްއަށް ނުވަދެވޭ ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ.
ދެ މިލިއަން ރުފިޔާއަށް ވިއްކާ މި ފްލެޓް ގަތުމަށް ޕޯޓެލްއަށް ނުވަދެވޭ މައްސަލައިގައި އެޗްޑީސީގެ ރަސްމީ ބަހެއް ނުލިބެ އެވެ.
އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެޗްޑީސީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު ޝަރުތު ފުރިހަމަވާ ފަރާތްތަކާއި ފުރިހަމަ ނުވާ ފަރާތްތަކަށް އެކަން އެސްއެމްއެސްއަކުން އަންގާނެ ކަމަށެވެ. ފްލެޓްތައް ވިއްކުމާ ބެހޭ މައުލޫމާތު ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އަރަބިއްޔާ ހުރި ބިމާއި ގާކޮށީ އިމާރާތް ކޮށްފައިވާ ފްލެޓްތައް ގަތުމަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައުސިން މިނިސްޓްރީން މީގެ ކުރިންވެސް އިއުލާން ކުރިއެވެ. އެހެން ނަމަވެސް ފްލެޓް ގަތުމަށް މަޑުޖައްސާލީ މި ފްލެޓްތައް ގަތުމަށް ރައްޔިތުން ކިއު ހެދުމަކީ ސަރުކާރުން ގަބޫލު ކުރާ ކަމެއް ނޫން ކަމަށާއި އެހެންކަމުން ފްލެޓްތައް ގަތުމަށް ފަސޭހަ ގޮތެއް ހަމެޖެއްސެންދެން އެ ފްލެޓްތައް ވިއްކުން މަޑުޖައްސާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށްބުނެއެވެ.
ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލުމުން އެތައް ބަޔަކު މި ފްލެޓްތަކަށް ކިޔޫ ޖެހުނެވެ. މި ފްލެޓްތައް ވިއްކުން މެދުކަނޑާލީ ރައްޔިތުން ކިޔޫ ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫންކަމަށް ބުނެ އެވެ.
އެޗްޑީސީން އެފަހަރު ކުރި އިއުލާނުގައި ބުނެފައިވަނީ އެ ކުންފުނިން ވިއްކަނީ ތިން ކޮޓަރި އާއި ދެ ފާޚާނާ ހިމެނޭ ފްލެޓްތައްކަމަށާއި އެއީ ގާކޮށިން 75 ފްލެޓާއި މަޖީދީ މަގުގައި ހުރި ފްލެޓްތަކުން 30 ފްލެޓް ކަމަށެވެ.
އެފަހަރުގެ އިއުލާނުގައި ޝަރުތުތައްވެސް ވަނީ އިތުރުކޮށްފައެވެ. އެހެން ނަމަވެސް މިއަދު އެކުންފުނިން ކުރި އިއުލާނުގައިވާ ގޮތުން އުމުރުން 21 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މި ފްލެޓްތަކަށް ކުރިމަތިލެވޭނެ އެވެ.