ލޮނުޒިޔާރަތް މަގުގައި ހިންގާ އައިފިކްސް 2 ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ފިހާރަ ފަޅާލައިގެން ވައްކަން ކުރިކަމުގެ ރިޕޯޓް ކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ 04:55 އެހާކަން ހާއިރު ކަމަށެވެ. އަދި އެމިމައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ ފޯނުތަކަކާއެކު ކުޑަ ދެ ކުއްޖަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި އެ ފިހާރައަށް ވަދެފައިވަނީ ފިހާރައިގެ ބޭރު ދޮރުފަތުގެ ބިއްލޫރިގަނޑު ތަޅާލައިގެންނެވެ. ފިހާރައަށް ވަދެފައިވަނީ މޫނު ނިވާކޮށްގެން ތިބި އުމުރުން 17 އަހަަރުގެ ކުޑަ ދެ ކުދިން ކަމަށް ވެސް އެނގިފައި ވެއެވެ.
އައިފިކްސް ފިހާރައިގެ އެއް ހިއްސާދާރު އަބްދުލްމަޖީދު ބައެއް މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި އެ ފިހާރައިން ވަގަށް ގެންދިޔަ 46 ފޯނާއެކު މުދަލުގެ އަގު ފަސްލައްކަ ރުފިޔާ އަށް ވުރެ އިތުރުވާނެއެވެ.