ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުން ދުރުކުރުމުގެ ވާހަކަތަކާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައިޝަތު އާޒިމާ ޝަކޫރު އައްޔަން ކުރައްވަން އުޅޭ ކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.
މީގެ ކުރިންވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އާޒިމާ އައްޔަން ކުރަން އުޅޭ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ. މިފަހަރު މިވާހަކަތައް އިތުރަށް ގަދަވެފައި މިވަނީ ރައީސް ޔާމީން، ރައީސް ކަމުގެ މަގާމުން ދުރުކުރަންޖެހޭ ސަބަބުތައް ބަޔާންކޮށް، ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ވެރިކަން ހަވާލު ކުރުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި ވަނިކޮށެވެ.
ނަމަވެސް އަންގާރަ ދުވަހު އެމައްސަލަ ވަނީ އިދާރީ ބައެއް ކަންކަން ފުރުހަމަ ނުވާތީ އެކަންކަން ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް އަނބުރާ ފޮނުވާލާފަ އެވެ.
RYameen aai behey massaleh SC ah vaneema SC rashu court dharaja ah vattaalee!!! SC ge fadiyārakah vumah huri shaugu verikamuge bodu kamaa eve. Azima ge gaanoonē funnab uskamun mihaathanah dheefaivaa gaanoonē lafaa thakun dhaulathah libifaivā adhi libemundhā gellun ballava! https://t.co/eLXHEbPKTL
— Saud Hussain MP (@SaudVillingili) January 30, 2018
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އާޒިމާ އައްޔަކުރަން އުޅޭ ވާހަކަތަކާ ގުޅިގެން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންއާ ބެހޭ މައްސަލައެއް ސުޕްރީމް ކޯޓަށް ވެއްދުމުން، ސުޕްރީމް ކޯޓު ރަށްރަށުގައި ހުންނަ މެޖިސްޓްރޭޓް ކޯޓެއްގެ ދަރަޖައަށް ވައްޓާލައިފި ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ވުމަށްހުރި ޝައުގު ވެރިކަމުގެ ބޮޑުކަމާ އެވެ. އާޒިމާގެ ގާނޫނީ ފުއްނާބު އުސްކަމުން މިހާތަނަށް ދީފައިވާ ގާނޫނީ ލަފާތަކުން ދައުލަތަށް ލިބިފައިވާ އަދި ލިބެމުންދާ ގެއްލުން ބޮޑުކަމަށް ސައުދު ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އަދަދު ހަތަކަށް އިތުރުކުރަން ސަރުކާރުން މަސައްކަތް ކުރާކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުއަސާސީގެ ދަށުން އެކުލަވާލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެކެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ ނުފޫޒުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވަނީ ފަނޑިޔާރުންގެ އަދަދު ފަހަކަށް ދަށްކޮށް، އޭރު ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު މުއަތަސިމް އަދުނާން މަގާމުން ވަކިކުރައްވާފަ އެވެ.
އާޒިމާ މިވަގުތު ހުންނެވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.