ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން އަލުން ހައްޔަރު ކުރުމަކީ، ސަރުކާރާއި، ޖުޑީޝަރީ އާއި އެހެނިހެން ބާރުތައް އެއްވުމުން ލިބޭނެ ގެއްލުމުގެ ނަތީޖާ ކަމަށް ވިލާތުގެ އިއްތިހާދުން ބުނެފިއެވެ.
އަންގާރަ ދުވަހު ވިލާތުގެ އިއްތިހާދުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކަށޭނަ ޝަރީޢަތަކާއި ނުލައި، ހަ މަސްދުވަހު ޖަލުގައި ބެހެއްޓުމަށް ފަހު ޖަލުން ދޫކޮށްލުމާއިއެކު ފާރިސް އަލުން ހައްޔަރުކުރި ކުރުމަކީ، ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލު ނެތިދިއުމުން، ޤާނޫނުގެ ވެރިކަމާއި، ހެޔޮ ވެރިކަން ކުރުމަށް ލިބިގެންދާނެ ގެއްލުމުގެ މިސާލެއް ކަމަށެވެ.
ޤާނޫނުއަސާސީގައި ރައްޔިތުންނަށް ލިބިދީފައިވާ މިނިވަންކަމާއި ޙައްޤުތައް އެންމެނަށްމެ ކަށަވަރު ކޮށްދިނުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާއިބެހޭ ފަރާތްތަކަށް ވިލާތުގެ އިއްތިހާދުގެ މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން، މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބަކީ އިތުބާރުހިފޭ، ދެފުށްފެންނަ، އެންމެންނަށް ހަމަހަމަ ފުރުޞަތު ލިބޭނެ އަދި ހުރިހާ ޕާޓީތަކަށް ބައިވެރި ވެވޭނެ ފަދަ ރިޔާސީ އިންތިޚާބަކަށް ހެދުމަށް މުއައްސަސާތަކުން އިޚުލާސްތެރިކަން އިސްކުރުމަށް ވެސް މި ބަޔާނުގައި ވަނީ ގޮވާލާފައެވެ.
އަންގާރަ ދުވަހު ނެރުނު ބަޔާން ނެރެފައިވަނީ ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅައި، ކޮލަމްބޯގައި ހުންނަ އިނގެރޭސި ހައިކޮމިޝަނާއި، މި ދެ ޤައުމަށް ކަނޑައަޅައި ކޮލޮމްބޯގައި ހުންނަ ފަރަންސޭސިވިލާތާއި، ޖަރުމަނާއި، އިޓަލީ އާއި ދި ނެދަރލޭޑްސްގެ އިތުރުން ރޮމޭނިއާ ގުޅިގެންނެވެ.