ޖުމްހޫރީ މައިދާނަށް އެއްވެ، ރައީސުލް ޖުމްހޫރިއްޔާގެ މޮޓޯކޭޑް ދަނިކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ވަގަށް ގޮވިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
އަންނަ އާދީއްތަ ދުވަހު ހަވީރު 4:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޝިފާޒަށް ފޮނުވާފައިވާ ޗިޓުގައި، މައްސަލައިގެ ޚުލާސާގެ ގޮތުގައި ބުނެފައި ވަނީ "މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބަޔަކު "ރާއްޖޭގެ ޓުއަރިޒަމް ފުނޑާލައި، ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް ކަމަށް ބުނެ" އެއްވުން އުޅުން މަނާ ސަރަހައްދެއް ކަމަށްވާ ގްރީން ޒޯނަށް އެއްވެ، ރަސްމީ ފާލަމާ ދިމާއަށް ކުރިމަތިލައިގެން ތިބެ، އެވަގުތު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދަތުރު ކުރެއްވި މޮޓޯކޭޑް އަންނަތަން ފެނުމުން މީގެ ތެރެއިން ބަޔަކު ރައީސުލް ޖުމްހޫރިއްޔާއަށް ވަގަށް ގޮވައި، ހަޑިހުތުރުބަހުން މުޚާތަބުކޮށްފައި ވާކަމަށް ހުށަހަޅާފައިވާ މައްސަލައެއް" ކަމަށެވެ.
ޝިފާޒްގެ އިތުރުން އެމްޑީޕީ ޤައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވެސް ވަނީ ހަމަ މިމައްސަލައިގައި މާދަމާރޭ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ.
ޝިފާޒް އާއި ހަސަންޓޭގެ އިތުރުން އިތުރު ބަޔަކު ވެސް ވަނީ މިމަހުގެ 20 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އިށީނދެފައެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ބައެއް މީހުން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ގްރީން ޒޯނުގެ ގޮތުގައި ބުނެފައިވާ ޖުމްހޫރީ މައިދާނަކީ ފުލުހުންގެ ތެރެއިން ބަޔަކު ނުކުމެ 2012 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އެއްވެ އޭރު އޮތް ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ކުރި މައިދާނެވެ. އެދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަނޑޭރިގެއަށާއި ފުލުހުންގެ މައި އިދާރާއަށް ހަމަލާދީ ދައުލަތުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ.