ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެން، ސަރުކާރު ވައްޓާލަން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކުމުގެ ތުހުމަތުގައި ތިމަރަފުށީ ދާއިރާގެ މެންބަރު މުހްއަމަދު މުސްތަފާ ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ބުދަ ދުވަހުގެ ރޭ 8:00 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި މުސްތަފާއަށް ފޮނުވާފައިވާ ޗިޓްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި، ރައްޔިތުން ނިކުމެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މަޤާމުން ބޭރުކޮށް، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުމަށާއި ޣައިރު ޤާނޫނީ ޢަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭގޮތަށް ރައްޔިތުންގެ މެންބަރު މުސްތަފާ ވާހަކަ ދެއްކެވި ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.
މިހާރު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މުސްތަފާ، ރާއްޖެ ޓީވީގައި އެދެއްކެވި ވާހަކައާ ގުޅިގެން މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރު ކުރާއިރު އެވާހަކަ ރާއްޖެ ޓީވީން ދެއްކި ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ 5 ލައްކަ ރުފިޔާ އިން ޖޫރިމަނާ ވެސް ކޮށްފައެވެ.
މުސްތަފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މި މައްސަލައަކީ ރައީސް ޔާމީންގެ ހާއްސަ އެންގެވުމެއްގެ ދަށުން ތަހްގީގުކުރުން ހުއްޓާލާފައި އޮތް މައްސަލައެއް ކަމަށެވެ.
28 July, 2017 vana dhuvahuge Rey RTV ga dhehkivaahaka aai gulhigen anehkaaves ehkala chitun, Maadhamaa rey 8 jahaa irah fulus office ah kiyaafi. mii RYmeen ge haasa engumakah Investigation Drop kohfa oiy kameh. Ekamaku Mi faharu terrorist eh nuun. pic.twitter.com/NhXo8oPVHJ
— Mohamed Musthafa (@Thimarafushi) January 30, 2018