"ދިވެހި ޓައިޓް" ޕޭޖާ ގުޅިގެން ފުލުހުން ގެއެެއް ބަލާ ފާސްކޮށްފިއެވެ
އަންގާރަ ދުވަހުގެ ރޭ 08:00 ހާއިރު ފުލުހުން ބަލާ ފާސްކޮށްފައި ވަނީ މ. ހިމްމިޔާގޭގެ ބައެއް ފްލޯތަކެވެ.
މިކަމާ ގުޅޭ ގޮތުން އެގޭގެ ވެރިފަރާތުގެ ލޯޔަރު މޫސާ ސިރާޖު ވިދާޅުވީ، ބަލާ ފާސްކޮށްފައި ވަނީ، ކުޑަކުދިންގެ ފޮޓޯއާ އެކު ބޭއަދަބީ ބަސްތަކެއް ލިޔެ، ފޭސްބުކް ޕޭޖެއްގައި އާންމު ކުރި މައްސަލައާ ގުޅިގެން ކަމަށާއި ބަލާ ފާސްކޮށްފައި ވަނީ އެގޭގައި ކުއްޔަށްދީފައިވާ ބައިތަކެއް ކަަމަށެވެ.
މ. ހިމްމިޔާގެއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ކުރީގެ ޕާސަނަލް އެސިސްޓެންޓް އަހުމަދު ސޮފްއާންގެ ގެއެވެ.
"މިކުރެވުނު ސަރޗަކީ އެއްވެސް ހާލެއްގައި ސޮފްއާނާއި ނުވަތަ ގޭގެ ވެރި ފަރާތާ ގުޅުން ހުރި މައްސަލައެއް ނޫން. ބަލާ ފާސްކޮށްފައި ވަނީ ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމެންޓްތައް. ދެން އަޅުގަނޑުމެންނަށް މައުލޫމާތު ލިބުނު ގޮތުގައި، ބަލާފާސްކުރި އިރު އެއްވެސް އެއްޗެއް ގެންދިޔަކަމަކަށް މައުލޫމާތު ލިބިފައެއް ނުވޭ،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ، ބަލާ ފާސްކުރި އިރު ގެއާ ގުޅުން ހުރި އެއްވެސް މީހެއްގެ ބައި ބަލާ ފާސްކޮށްފައި ނުވާ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިޔާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
ފުލުުހުން މީގެ ކުރިން ބުނެފައި ވަނީ ފޭސްބުކްގައި ދައުރުވި ފޭޖް ފުލުހުންގެ އެދުމަށް ފޭސްބުކް އިން ޑިލިޓްކޮށްފައިވާ ކަމަށެވެ.