މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރުމަށް ޑީއާރުޕީން ނިންމައިފިއެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ރުމާލު 2 ޖަގަހައިގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން، ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ ޑީއާރްޕީގެ ވަގުތީ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ތާއީދުކުރަން އެ ޕާޓީން ނިންމާފައި ވަނީ އާދިއްތަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މިވަގުތު ޕާޓީގައި ތިބީ ފަސްހާހެއްހާ މެމްބަރުން ކަމަށެވެ. ޑީއާރުޕީއަކީ ކުޑަ ޕާޓީއެއް ނަމަވެސް ޕާޓީގެ އަމާޒު ވަރަށް ސީދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވަނީ ރައީސް ޔާމީން ރާއްޖެއަށް ތަރައްގީ ގެންނަވަމުން ގެންދަވާ ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕީން ވާދަކޮށްފައި ވަނީ އެންމެ ކެންޑިޑޭޓެކެވެ. އެއީ މާލެ ސިޓީ ކައުންސިލަށް ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި މުހައްމަދު ފިޝާވީން ސަލީމް އެވެ. އޭނާ އެގޮނޑި ކާމިޔާބު ކުރެއްވިއިރު، އެމްޑީޕީގެ ޓިކެޓްގައި އެދާރާއަށް ވާދަކުރެއްވި ހަމްޒާ ހަސަން ވަނީ ޕީޕީއެމަށް ސޮއިކުރައްވާފައެވެ. އެނގޮޑި ފިޔަވައި މާލެ ސިޓީގެ ހުރިހާ ގޮނޑިއެއް ކާމިޔާބު ކުރެއްވީ އެމްޑީޕީއެވެ.