ރައީސުލް ޖުމްހޫރިއްޔާގެ މޮޓޯކޭޑް ދަނިކޮށް ރައީސުލް ޖުމްހޫރިއްޔާއަށް ވަގަށް ގޮވިކަމުގެ ތުހުމަތުގައި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ބުދަ ދުވަހުގެރޭ 9 ޖަހާއިރު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ހަސަންޓޭ އަށް ފޮނުވާފައިވާ ޗިޓުގައި، މައްސަލައިގެ ޚުލާސާގެ ގޮތުގައި ބުނެފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ބަޔަކު "ރާއްޖޭގެ ޓުއަރިޒަމް ފުނޑާލައި، ރައްޔިތުންގެ މުދާ ފޭރުމާ ދެކޮޅަށް ކަމަށް ބުނެ" އެއްވުން އުޅުން މަނާ ސަރަހައްދެއް ކަމަށްވާ ގްރީން ޒޯނަށް އެއްވެ، ރަސްމީ ފާލަމާ ދިމާލަށް ކުރިމަތިލައިގެން ތިބެ، އެވަގުތު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ދަތުރު ކުރެއްވި މޮޓޯކޭޑް އަންނަތަން ފެނުމުން މީގެ ތެރެއިން ބަޔަކު ރައީސުލް ޖުމްހޫރިއްޔާއަށް ވަގަށް ގޮވައި، ހަޑިހުތުރުބަހުން މުޚާތަބުކޮށްފައި ވާކަމަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ހަސަންޓޭ ބުދަދުވަހު ހާޒިރު ކުރަނީ އެމައްސަލައިގާ އޭނާގެ ބަޔާން ނެގުމަށް ކަމަށް އެޗިޓުގައި ވަނީ ބުނެފައެވެ.
ހަސަންޓޭގެ އިތުރުން އިތުރު ބަޔަކު ވެސް ވަނީ މިމަހުގެ 20 ވަނަ ދުވަހު ޖުމްހޫރީ މައިދާނުގައި އިށީނދެފައެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ވެސް ބައެއް މީހުން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ގްރީން ޒޯނުގެ ގޮތުގައި ބުނެފައިވާ ޖުމްހޫރީ މައިދާނަކީ ފުލުހުންގެ ތެރެއިން ބަޔަކު ނުކުމެ 2012 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހާއި 7 ވަނަ ދުވަހު އެއްވެ އޭރުއޮތް ސަރުކާރާ ދެކޮޅަށް އިހްތިޖާޖް ކުރި މައިދާނެވެ. އެދުވަހު ފުލުހުންނާއި ސިފައިންގެ ތެރެއިން ބަޔަކު ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ބަނޑޭރިގެއަށާއި ފުލުހުންގެ މައި އިދާރާއަށް ހަމަލާދީ ދައުލަތުގެ ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފައެވެ.