ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން ހިންގަވަމުން ގެންދަވާ ޖަރީމާތަކުގައި ބައިވެރިވެ ވަޑައިނުގަތުމަށާއި، އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ފަހު ރައްޔިތުންނާ އެކު ގައުމައިގެން ކުރިއަށް ވަޑައިގަތުމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، އެ ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ކޮޅެއްގައި ނުޖެހި ދިގުލައި ދިއުމާ ގުޅިގެން އަންގާރަ ދުވަހު ވެސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގެންނެވުމަށް ފަހު، ނިކުމެ ވަޑައިގެން ނޫސްވެރިންނަށް މައުމޫލާތު ދެއްވަމުން ރައްޔިތުންގެ މަޖިލީޙުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުވާލައި، ދިވެހި އެތައްހާސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ހިންގާ މި ބޮޑު ޖަރީމާގައި އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ޖެހިވަޑައިނުގަތުމަށް ގޮވާލައްވާ ކަމަށެވެ.
"ގައުމުގެ 60،000 ރައްޔިތުންގެ އަޑު ކަނޑުވާލައިގެން ތިބެމެ، މިހާގިނަ ދުވަސްވާއިރު، މިމައްސަލާގައި ކޮމިޝަނުގެ ބައްދަލުވުމެއް ނުބާއްވާ ތިއްބެވިކަން އެއީ ކޮމިޝަންގެ މެމްބަރުންގެ ވަރަށް ބޮޑު އިހުމާލެއް. އަޅުގަނޑު މިއަދު ސެކެރެޓަރީ ޖެނެރަލް މެދުވެރިކޮށް ކޮމިޝަނުގެ މެމްބަރުންނަށް ދެންނެވިން، ރައީސް ޔާމީން އިސްވެހުންނަވައިގެން ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މިހިންގަވާ ބޮޑު ޖަރީމާގައި ތިޔަ ބޭފުޅުން ބައިވެރިވެވަޑައި ނުގަންނަވާށޭ. ދުރަށް ވަޑައިގަންނަވާށޭ. ފަހަތަށް ވަޑައިގަންނަވާށޭ. މަގާމުގެ ދަހިވެތި ކަމުގައި މަގާމުގައި ތިއްބަވާނެ ކަމެއް ނެތޭ. ރައްޔިތުންގެ މަގަށް ނިކުމެވަޑައިގަންނަވާށޭ. ގުޅިވަޑައިގަންނަވާށޭ،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި މަޖިލީހުގެ މިހާ ގިނަ އަދަދެއްގެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް މީގެ ކުރިން ހުރަސް އަޅާފައި ނުވާ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތާރީހުގައި މިހާގިނަ އަދަދެއްގެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް އަޅާފައެއް ނެތް. އެހެންވީމާ މިކަމުގައި ބައިވެރިވެވަޑައިގެންނެވުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަސް މެމްބަރުން ތިއްބަވާނެ ކަމެއް ނެތް، ދުރަށް ވަޑައިގެންނެވުމަށް ދެންނެވި،" ޝާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ވެސް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ހުށަހަޅުއްވާފައިވާނެ ކަމަށާއި އެ ސިޓީގެ ޖަވާބު ބޭނުން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެކަނި ވެސް ނޫން ކަމަށާއި ދިވެހި ރައްޔިތުން ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންނަށް މަޖިލީހަށް ވަނުމަށް ހުރަސް އަޅަމުންދާ ދިޔުން ހުއްޓުވުމަކަށް ގެނައުމަށްޓަކައި އިލެކްޝަންސް ކޮމިޝަން ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ބައްދަލުކުރައްވާ މި މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.
"ގޮނޑި ގެއްލޭނެ އެއްވެސް ހައިސިއްޔަތެއް ނެތި، އެކަންކުރުމުގެ އެއްވެސް ބާރެއް ނެތް އިދާރާއަކުން އެހެން ވިދާޅުވަމުން އެގެންދަވަނީ. އެބޭފުޅުން އެގޮތަށް އެވިދާޅުވަނީ ކީއްވެގެންތޯ އަޅުގަނޑުމެން އެބަޖެހޭ ސާފުކުރަން، ސީދާސީދާ ބައްދަލުވެގެން. އެކަން ކުރައްވާކަށް ކެރިވަޑައި ނުގެންނެވި. ފަހަތަށް ޖެހިވަޑައިގަތީ. ފިއްލެވީ. ކަންކުރުމަށް ފަހު އެކަމުގެ ފުރިހަމަ ޒިންމާ ނަގަން ކެރެންޖެހޭނެ. އެކަމުގެ ޒިންމާ ނަގަން ނުކެރި، ފިލާ ބޮނދާ ތިބުމަކީ އެއީ މަގާމުގައި ތިބުމެއް ނޫން. އެއީ މަގާމުގެ ވާޖިބު އަދާ ނުކުރެވެނީ. އަޅުގަނޑުމެން އުއްމީދުކުރަން ކޮމިޝަނުގެ ފަސް މެމްބަރުން ވެސް އަޅުގަނޑުމެން މިއަދު މިކުރި އިލްތިމާސާ އެއްގޮތަށް އަމަލު ކުރައްވާނެ ކަމަށް. އެއްގޮތަކީ ޒިންމާ ނެންގެވުން، އަނެއްގޮތަކީ ޒިންމާ އިން ދުރަށްވަޑައިގެން މަގާމުން އިސްތިއުފާ ދިނުން،" ޝާހިދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެން އެ މެމްބަރުންނާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ލީޑަރުން ވަނީ އިލެކްޝަންސް ކޮމިޝަނަށް ސިޓީތަކެއް ހުށަހަޅުއްވާފައެވެ. ނަމަވެސް އެ ސިޓީތައް ހުށަހަޅުއްވާފައިވާތާ ހަތް ދުވަހަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު، އެސިޓީތަކަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި ކޮމިޝަނުގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް އެދިލެއްވުމުން އެކަން ވެސް ހަމަޖައްސައިދެއްވާފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްޓަރީ ޖެނެރަލްއާ ހަވާލާ ދެއްވައި ޝާހިދު ވިދާޅުވީ ވޭތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ބައްދަލުވުމެއް ވެސް ބާއްވާފައިނުވާ ކަމަށެވެ. ނަމަވެސް މިފަދަ ހައްސާ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާއިރު، އެކަމަށް އިޖާބަ ނުދެއްވައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ފިއްލަވައި ތިބެވުމަކީ އެބޭފުޅުންގެ މައްޗަށް އޮތް ގާނޫނީ ޒިންމާ އަދާ ނުކުރެވުން ކަމަށާއި ކޮމިޝަންގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ވަނީ ގޮވާލާފައެވެ.