މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭ ސްޓޫޑިއޯއެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގދ. ތިނަދޫ، ދެކުނުގޭ، ހަސަން ފާއިޒެވެ. މި މަހުގެ 6 ވަނަ ދުވަހު އޭނާ ހައްޔަރު ކުރީ ގދ. ތިނަދޫގެ ކެފޭއެއްގެ ތެރެއިންނެވެ. ހަސަނަކީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ކޮއްކޮއެވެ.
ރޭޕްގެ ތުހުމަތުގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވީ ހައްޔަރު ކުރިތާ 23 ދުވަސް ފަހުންނެވެ.
މި މަހުގެ ހަ ވަނަ ދުވަހު ހަސަން ހައްޔަރު ކުރުމަށް ފަހު، ކޯޓަށް ހާޒިރު ކުރުމުން ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގް ހިންގުމަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ. އޭނާ ބަންދުގެ މުއްދަތު ހަމަވާތީ، މި މަހުގެ 22 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަސް ވަނީ ބަންދަށް ޖަހައިދީފައެވެ.
ހަސަންގެ މައްޗަށް ތުހުމަތު ކުރަނީ ޒުވާން އަންހެން ކުއްޖަކު އޭނާ މަސައްކަތް ކުރާ ސުޓޫޑިއޯއަށް ގެންގޮސް ރޭޕްކުރި ކަމުގެ ތުހުމަތެވެ. އެ މައްސަލަ ފެންމަތިވީ ހަސަންގެ ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާ އައިޖީއެމްއެޗަށް ގޮސް، ފަރުވާ ހޯދުމަށް ފަހު، ފުލުހުންނަށް އެ މައްސަލަ ހުށަހެޅުމުންނެވެ. ރޭޕްގެ ޝިކާރައަކަށްވީ ކަމަށް ބުނާ އަންހެން ކުއްޖާގެ މެޑިކަލް ރިޕޯޓްތައް އައިޖީއެމްއެޗުން ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
ހަސަންގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގުކޮށް، އޭނާ ވަނީ ރާއްޖެޓީވީއަށް އިންޓަވިއު ދީފައެވެ. ހަސަން ބުނެފައި ވަނީ އަންހެން ކުއްޖާގެ ހަށިގަނޑުން އޭނާގެ ޑީއެންއޭ ނުފެންނާނެ ކަމަށާއި އަޅުވާފައި ވަނީ ދޮގު އިލްޒާމެއް ކަމަށެވެ. ރޭޕުގެ ޝިކާރައަކަށްވީ އަންހެން ކުއްޖާ ވެސް ވަނީ ރާއްޖެޓީވީއާ ވާހަކަ ދައްކާފައެވެ. އެ ކުއްޖާ ބުނީ އޭނާ ރޭޕްކުރުމަށް ފަހު، އެކަން ސިއްރު ކުރުމަށް ހަސަން ފައިސާ ވެސް ހުށަހެޅި ކަމަށެވެ.