ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މަގާމުން ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް އެ މައްސަލައިގެ ބައެއް އިދާރީ ކަންކަން އިސްލާހު ކުރުމަށް އެ ކޯޓުން އަންގާފައިވާ ކަމަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ލީޑަރުންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލުން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ހުށަހެޅި މައްސަލައިގެ ބައެއް ލިޔެކިޔުންތަކުގެ އިދާރީ ކަންކަން އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އެދިފައިވާ ކަމަށެވެ. މައްސަލައަކާ ގުޅިގެން އިދާރީ ގޮތުން ކަންކަން އިސްލާހު ކުރުމަކީ އާންމު ކަމެއް ކަމަށާއި އެފަދަ ކަންކަން އިސްލާހު ކުރުމަށް ކޯޓުން އެދުމަކީ މައްސަލަ ބޭރުކުރުން ކަމަށް ނުބުނެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އެދުނު ގޮތަށް އިދާރީކަންކަން އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
Alhugadumen SC ah hushahelhi RY ge vakkamuge massala ah bayeh idhaaree islaahu gennan SC in angaafa vaathee, mihaaru alhugadumen midhanee e masaiykaiy kuramun
— Mohamed Nasheed (@MohamedNasheed) January 30, 2018
މިދިޔަ އާދީއްތަ ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށްފަހު އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައިވާ ގޮތުގައި، މި މައްސަަލަ ހުށަހަޅަން ޖެހުނީ ރައީސް ޔާމީންގެ ވެރިކަމުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެ، ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި، މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާތީ، ދިވެހިރާއްޖެ ވެއްޓިފައިވާ ފުން އަނދަވަޅުން ގައުމު ސަލާމަތްކޮށް، ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކޮށް، ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި އަދި ގައުމު ހަމަމަގަށް އެޅުވުމަށްޓަކައެވެ.
ރައީސް ޔާމީނު ދިވެހި ދައުލަތުގެ މުދަލާއި ފައިސާއިން ނާޖާއިޒު ގޮތުގައި ފައިދާ އާއި މަންފާ ހާސިލު ކުރައްވަމުން ގެންދާ ދިއުން ހުއްޓުވުމަކީ، ރައްޔިތުންގެ މަޖިލީހުން ރުހުންދީގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކޮށްފައިވާ އޮޑިޓަރ ޖެނެރަލަށް ނުވަތަ ޕްރޮސަކިއުޓަރ ޖެނެރަލަށް ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ހޯމް މިނިސްޓަރުގެ ބެލުމުގެ ދަށުގައިވާ ފުލުހުންގެ މުއައްސަސާއަށް ވެސް ރައީސުލްޖުމްހޫރިއްޔާ ދައްކަވާފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެތިބެ ކުރެވިދާނެ ކަމެއް ކަމަށް ބެލެވެން ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ. އަދި ވަގުތީ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އަދާކުރާނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.