ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށާއި، ހުސް ތިޖޫރީ ހިފައިގެން ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހު މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތާއީދު ނެތް މީހަކަށް، ގައުމުގެ އަގުހުރި މުދާތައް ވިއްކުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. ރައީސް ޔާމީންއަކީ ހަމައެކަނި ގިނިކަންޏާ ހުންނެވި ބޭފުޅެއް ކަމަށާއި މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން "ގަން ޕޮއިންޓް"ގައި ބައިތިއްބައިގެން ނުގެންގުޅެވޭނެ ކަމަށެވެ. ހުސް ތިޖޫރީ ހިފައިގެން ހަމަ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.
Rayyithun’ge thaaedhu neh meehakah, gaumu ge aguhuri asset tha vikkaalumuge haggeh noannaaneh. Yaamin akee hama ekani ginikanyah’ huri meeheh. Membarun aai SC ge fadiyaarun ah gun point ga baithibbaigen nugengulheveyneh. Hus thijoori hifaigen hama dhaan jeheynee jalah!
— Mohamed Musthafa (@Thimarafushi) January 30, 2018
މުސްތަފާ އެގޮތަށް ވިދާޅުވެ، ޓްވީޓް ކުރައްވާފައި މިވަނީ ސަރުކާރުގެ އިދާރާތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން ހިންގާ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިން ރާއްޖޭގެ ބައެއް ބިންތަކާއި ފަޅު ރަށްރަށާއި ފަޅުތައް އެކިއެކި ފަރާތްތަކަށް ނުއަގުގައި ވިއްކާފައިވާކަން އޮޑިޓް ރިޕޯޓްތަކުން ހާމަވެފައި ވަނިކޮށެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުން އެކަނި ވެސް 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާކަން ވަނީ އޮޑިޓް ރިޕޯޓުން ހާމަވެފައި ވެއެވެ.
މީގެ އިތުރުން ވެސް ރައީސް ޔާމީން ވެރިކަމުގައި ހުންނަވާ އެމަނިކުފާނު އަމިއްލަފުޅު ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންދާ ކަމުގެ ތުހުމަތުތަކެއް ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ކުރަމުންނެވެ. އެގޮތުން ދާދިފަހުން އެމަނިކުފާނު ގެއެއް ބައްލަވައިގަނެ، އެގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދާކަން އިދިކޮޅު ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.
މީގެ އިތުރުން އެމަނިކުފާނުގެ އަމިއްލަ ފުޅު ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ތަހުގީގުން ވެސް ވަނީ ހާމަވެފަ އެވެ.