ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންގެ ނަމުގައި ޚަބަރު ޝާއިއުކުރާ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނުމުން، ކުރީގެ ބަންޑާރަ ނައިބު އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއްސުއޫދު އެކަމަށް ރައްދު ދެއްވައިފިއެވެ.
ސުއޫދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ނޫސްވެރިއަކަށް ލިބޭ މައުލޫމާތަކީ ހަގީގީ ތެދު މައުލޫމާތު ކަމުގައިވާނަމަ، އެ މައުލުމާތު އާންމު ކުރެވޭނެ ކަމަށާއި އެ މައުލޫމާތު ފަތުރައިގެން މީޑިއާތަކާ ދެކޮޅަށް ކަރެކްޝަނަލް ސާވިސްއަށް ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
މިނިވަން ނޫސްވެރިކަން ކުރުމަށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގަށް އިޝާރާތް ކުރައްވައި ސުއޫދު ވިދާޅުވީ ނޫސްވެރިންނާމެދު ފިޔަވަޅު އަޅައި، ހަބަރު ފަތުރަންވީ ގޮތް ކިޔައި ދޭންޖެހޭނީ ކަރެކްޝަނަލް ސާވިސް އިން ނޫން ކަމަށެވެ.
އެ ސާވިސްއަކީ ގައިދީންގެ ކަންކަން ބަލަހައްޓައި އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދޭން ޖެހޭ މުއައްސަސާއެއް ކަމަށާއި ކަރެކްޝަނަލް ސާވިސްގެ ބާރު ހިނގާނީ ޖަލުގެ ހަތަރު ފާރުތެރެއަށް ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ކަރެކްޝަނަލް ސާވިސްގެ ބާރު ހިނގާނީ ޖަލުގެ ހަތަރު ފާރު ތެރެއަށް. ގައިދީންގެ މައްޗަށް. އޭގެ ބޭރުން ހިނގާކަންތައްތަކާ ކަރެކްޝަނަލް ސާވިސްއަކަށް ނުބެހެވޭނެ،" ފެހި ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ސުއޫދު ވިދާޅުވިއެވެ.
ސުއޫދު ވިދާޅުވީ ގާނޫނާ ހިލާފު ވާހަކަތަކެއް، ގައިދީން ދައްކާކަމުގައިވާނަމަ ފިޔަވަޅު އަޅަން ޖެހޭނީ އެ ވާހަކަ ދެއްކި މީހަކާމެދު ކަމަށެވެ. އެފަދަ ވާހަކަ ދައްކާ ގައިދީންނާމެދު ފިޔަވަޅު އެޅުމުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އުސޫލުތަކެއް ކަނޑައަޅާފައިވާ ކަމަށާއި އެފަދަ އުސޫލެއްގެ ދަށުން ގައިދީންނާމެދު ފިޔަވަޅު އެޅިދާނެ ކަމަށް ސުއޫދު ވިދާޅުވިއެވެ.
"ފިޔަވަޅު އަޅަންވީ ވާހަކަ ދައްކާ މީހާއާ މެދު. ގައިދީއަކު އެފަދަ ވާހަކައެއް ދައްކާނަމަ އޭނާއަށް އަށް ފިޔަވަޅު އަޅާ. އެއީކީ މީޑިއާއާމެދު ފިޔަވަޅު އަޅަންވީ ކަމެއް ނޫން،" ސުއޫދު ވިދާޅުވިއެވެ.
ކަރެކްޝަންސް އިން ހޯމަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ޝަރުއީ ހުކުމް ތަންފީޒު ކުރާ މީހުންނާ ހަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާންމުކުރަން ޖެހޭނީ އެކަމާ ގުޅޭ ގޮތުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. އެފަދަ ވާހަކަތައް ޝާއިއު ކުރާނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށް ވެސް ކަރެކްޝަންގެ ބަޔާނުގައިވެއެވެ.
އެ ސާވިސްއިން ބުނީ މިހާރަކަށް އައިސް މީޑިއާގައި ޝާއިއު ކުރަމުންދާ ޚަބަރުތަކަކީ ގާނޫނާއި ގަވާއިދާ ހިލާފަށް ޝާއިއު ކުރަމުންދާ ޚަބަރުތަކެއް ކަމަށެވެ.