އިންޑިއާގެ ވެރިރަށް ދިއްލީގައި 8 މަހުގެ ތުއްތު އަންހެންކުޖަކު ރޭޕް ކޮށްފިއެވެ.
އެ ކުއްޖާ ރޭޕް ކުރިކަމަށް ތުހުމަތުކުރެވިފައިވަނީ އޭނާގެ ދެބެންގެ ދެދަރި މީހެކެވެ.
އާދީއްތަ ދުވަހު ތުއްތު އަންހެއް ކުއްޖާ ހޮސްޕިޓަލަށް ގެންދެވިފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާގައި ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި 28 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އޭނާއަކީ ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހޮސްޕިޓަލުގައި އޮތް ތުއްތު ކުއްޖާއަށް ޒިޔާރަތްކުރުމަށް ފަހު ދިއްލީ ކޮމިޝަން ފޮރ ވިމެންގެ ވެރިޔާ، ސްވާތީ މަލިވާލް ހޯމަ ދުވަހުގެ ރޭ ވިދާޅުވީ ކުއްޖާ ޒަޚަމް ކޮލާފައި އޮތީ "ބިރުވެރި" ގޮތަކަށް ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު ނަމަވެސް މައްސަލަ ސަމާލުކަމަށް އައިސްފައިވަނީ ހޯމަ ދުވަހު އެގައުމުގެ މީޑިޔާތަކުން ރިޕޯޓް ކުރުމުންނެވެ.
މަލިވާލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެ އަންހެން ކުއްޖާގެ ތިން އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށެވެ.
ވެރިރަށް ދިއްލީގައި 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި 23 އަހަރުގެ ދަރިވަރަކު ގޭންގަކުން ރޭޕް ކޮށް މަރާލި ހާދިސާއަށް ފަހު އިންޑިއާގައި ޖިންސީ ހާނީއްކަ އަންނަނީ އިތުރުވަމުންނެވެ.
އެ ޖަރީމާއަށް ފަހު އެތައް ދުވަސްތަކެއް ވަންދެން ކުރި މުޒާހަރާތަކާއިއެކު ސަރުކާރުން ވަނީ އެންޓި ރޭޕް ގާނޫނަށް ބަދަލު ގެނެސް މަރުގެ އަދަބުވެސް ހިމެނޭ ގޮތުން އަދަބުތައް ހަރުކަށި ކޮށްފައެވެ.
ނަމަވެސް އަންހެނުންނާއި ކުޑަކުދިންނާއިމެދު ހިންގޭ އަނިޔާވެރި ޖިންސީ އަމަލުތައް އެ ގައުމުގެ އެކި ކަންކޮޅުން ތަކުރާރުކޮށް އަންނަނީ ރިޕޯޓް ކުރެވެމުންނެވެ.