ސައްހަ ނޫން ކޯޓު އަމުރެއް ނެރުއްވި ކަމަށް ބުނެ 17 އަހަރަށް ޖަލަށްލާފައިވާ، މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހުމަދު ނިހާނުގެ ޓެސްޓުތަކެއް ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގޮސްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގާޒީ ނިހާނުގެ ހާލު ސީރިއަސް ކަމަށް މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް، އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ނިހާނު މާލެ ގެނެސް ޑޮކްޓަރަށް ދައްކާފައިވަނީ އުނދަގޫތަކަކާއި ކުރިމަތިވާތީ ޓެސްޓުތަކެއް ހެދުމަށެވެ. އަދި ޓެސްޓުތައް ހެދުމަށް ފަހު އަނބުރާ ޖަލަށް ގެންގގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ނިހާނު އަށް ކުރިމަތިވަމުންދަނީ ކޮން ކަހަލަ އުނދަގޫތަކެއް ކަމާއި، ނިހާނުގެ ބައްޔަކީ ކޮބައި ކަމެއް އޭނާ ވިދާޅެއް ނުވި އެވެ. އޭނާ ވިދާޅުވީ އެއީ އެ ގައިދީއެއްގެ ޒާތީ މައުލޫމާތު ކަމަށާއި އެފަދަ މައުލޫމާތު ހިއްސާ ނުކުރާ ކަމަށެެވެ.
ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު، ނިހާނު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެނެސް، އެމަޖެންސީ ވޯޑުގައި ފަރުވާދީފައިވެއެވެ.
ނިހާނު، 17 އަހަރަށް ޖަލަށްލާފައި ވަނީ، ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް މުހުތާޒު މުހުސިންއާއި ގުޅިގެން ސައްހަ ނޫން ކޯޓު އަމުރެއް ނެރެ، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނު ކަމަށް ބުނާ މައްސަލައިގަ އެވެ. ނިހާނުގެ މައްޗަށް އެ ހުކުމް އިއްވާފައިވަނީ 2016 ވަނަ އަހަރުގެ ޖޫން 10 ވަނަ ދުވަހު އެވެ.
މި މައްސަލައާ ގުޅިގެން މުހުތާޒުގެ މައްޗަށް ވެސް ވަނީ 17 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.