ފުލުހުންގެ އިންޓަލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން ސިއްރުކޮށްފި އެވެ.
މި މައްސަލައިގެ ޝަރީއަތް ފެށުމަށް އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމަށް ވަނުމަށް ނަން ނޯޓް ކުރަން ނޫސްވެރިން ދިއުމުން ކޯޓުން މައުލޫމާތު ދިން ގޮތުގައި އަޑުއެހުންތައް ވަނީ ސިއްރުކޮށްފަ އެވެ. ސިއްރުކުރި ވަކި ސަބަބެއް ކޯޓުން ހާމައެއް ނުކުރި އެވެ.
މި މައްސަލައާ ގުޅިގެން އަދީބުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާއާއި ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ އުފުލާފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.
މި މައްސަލައިގައި އަދީބުއަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ފޮނުވީ 2015 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
މި މައްސަލައިގައި، ފުލުހުން ތުހުމަތު ކޮށްފައި ވަނީ އިންޓެލިޖެންސް ރިޕޯޓްތަކެއް ހޯއްދެވުމަށް އަދީބު ފުލުހުންގެ އިންޓެލް އޮފިސަރުންނަށް ރިޝްވަތު ދެއްވި ކަމަށެވެ. މީގެ އިތުރުން ފުލުހުންގެ އެކި ލެވަލްތަކުގެ މީހުންނަށް ރިޝްވަތު ދެއްވި ކަމަށް ވެސް ތުހުމަތު ކުރެ އެވެ. އަދީބުގެ އެޕާޓްމަންޓަކުން ފުލުހުންގެ އިންޓެލް ރިޕޯޓްތަކަކާއި އެހެން ވެސް ލިޔެކިޔުންތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ ބައެއް ފުލުހުން ރޭގަނޑުގެ ދަން ގަޑިތަކުގައި އަދީބު ދިރިއުޅުއްވާ އެޕާޓްމެންޓްތަކަށް ވަދެ ނިކުމެ އުޅޭ މަންޒަރު، ފުލުހުންގެ ތަހުގީގަށް އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ އިންޓެލް ރިޕޯޓްތައް ހޯދުމަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އަދީބުއަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ރައީސް އަބްދުﷲ ޔާމިން އަށް އިންޓެލް ރިޕޯޓްތައް ލިބިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައި ވަނީ ރިޔާސީ ލޯންޗުކޮޅު ގޮވި ހާދިސާއަށް ފަހު ފުރަތަމަ ފަހަރަށް ގައުމާއި މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.