ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ފަށަން ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފި އެވެ.
އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ތަވާލުކޮށްފައި އޮތް އަޑުއެހުމަށް ނަން ނޯޓް ކުރަން ދިއުމުން ކޯޓުން މައުލޫމާތު ދިން ގޮތުގައި އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ. އެހެން ނަމަވެސް، ކެންސަލް ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.
ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ ދައުވާ އެވެ.
އޭނާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. މި މައްސަލައިގެ ލިޔެކިޔުންތައް މިމަހުގެ 10 ވަނަ ދުވަހު އޭނާއާ ވަނީ ހަވާލުކޮށްފަ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަމްބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދެވަނަ ނަމްބަރުގެ ދަށުންނެވެ. މި ދައުވާ ސާބިތުވެއްޖެނަމަ ރިޔާޒުގެ މައްޗަށް ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މިއީ ކިނބިދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ދައުލަތުން ކުރި ތިން ވަނަ ދައުވާއެވެ. މީގެ ކުރިން، އޭނާގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅިކަމުގެ ދައުވާ ކުރިއެވެ. އެހެން ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައެވެ. ދައުލަތުން ވަނީ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
މީގެ އިތުރުން، ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ އިތުރު 11 މެންބަރުންގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަނީ ކޮށްފައެވެ. އެ މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ.