ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 09:00
ދެކޮރެއާ ގުޅިގެން އެކުލަވާލާފައިވާ އަންހެނުންގެ އައިސް ހޮކީ ޓީމް
ދެކޮރެއާ ގުޅިގެން އެކުލަވާލާފައިވާ އަންހެނުންގެ އައިސް ހޮކީ ޓީމް
ރޮއިޓަރސް
ވިންޓަރ އޮލިމްޕިކްސް
ދެކުނު ކޮރެއާ އާއެކު ބާއްވަން އޮތް ޖޮއިންޓް އޮލިމްޕިކް އިވެންޓެއް އުތުރު ކޮރެއާއިން ކެންސަލް ކޮށްފި
ސަގާފީ އިވެންޓް ކެންސަލް ކުރި ނަމަވެސް އެހެން އިވެންޓްތައް ކުރިއަށްދާނެ

ދެކުނު ކޮރެއާ އާއެކު ބާއްވަން ހަމަޖެހިފައިވާ އޮލިމްޕިކް ޖޮއިންޓް އިވެންޓެއް އުތުރު ކޮރެއާއިން ކެންސަލް ކޮށްފިއެވެ.

ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގްގައި ބާއްވާ ފިނިމޫސުމުގެ އޮލިމްޕިކްސްއަށް އުތުރު ކޮރެއާއިން ދާން ނިންމާފައި ވަނީ އެންމެ ފަހު ވަގުތުގައެވެ. އަދި ދެކޮރެއާ ގުޅިގެން ބައެއް ހަރަކާތްތައް ހިންގަން ވަނީ ނިންމާފައެވެ. އުތުރު ކޮރެއާއިން ކެންސަލް ކޮށްފައިވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ދެކުނު ކޮރެއާގެ މައުންޓް ކުމްގަންގް ގައި ބޭއްވުމަށް ހަމަޖައްސާފައިއޮތް ސަޤާފީ އިވެންޓެކެވެ.

އުތުރު ކޮރެއާއިން ބުނީ އެއިވެންޓް ކެންސަލް ކުރީ ދެކުނު ކޮރެއާގެ މީޑިއާތަކުން ވަކި ފަރާތަކަށް ޖެހިގެން ޚަބަރުތައް ފަތުރަމުންދާތީ ކަމަށެވެ. އެހެން ނަމަވެސް ދެކުނު ކޮރެއާއިން ބުނީ އުތުރު ކޮރެއާގެ ނިންމުމާއި ހިތާމަކުރާ ކަމަށާއި، އެއްބަސްވެފައިވާ ގޮތަށް އުތުރު ކޮރެއާއިން އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ދެކުނު ކޮރެއާ އާއި އުތުރު ކޮރެއާ ގުޅިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި އާޓް ޕާފޯމަންސަކާއި، ޓެކަވަންޑޯ ހުނަރުތައް ދައްކާލުމުގެ އިވެންޓެއްގެ އިތުރުން އެހެން ބައެއް އިވެންޓްތައް ހިމެނެއެވެ. ދެކޮރެއާއިން އެއް ދިދައެއްގެ ދަށުގައި ހިންގަން ހަމަޖެހިފައިވާއިރު، ދެޤައުމުގެ އެތުލީޓުން ހިމަނައިގެން އައިސް ހޮކީ ޓީމެއް ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ދެކުނު ކޮރެއާގެ ރަސްމީ ނިއުސް އެޖެންސީ ޔޮންހެޕްއިން ރިޕޯޓް ކުރާ ގޮތުގައި ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ދެކުނު ކޮރެއާގައި ބާއްވާ އަސްކަރީ ޕެރޭޑެއްގެ މައްސަލައިގައި ވެސް އުތުރު ކޮރެއާއިން ވަނީ ހިތްހަމަނުޖެހިފައެވެ.

މައުންޓް ކުމްގަންގް ގައި ބާއްވާ އިވެންޓް އުތުރު ކޮރެއާއިން ކެންސަލް ކޮށްފައިވާއިރު، އޭގެ ކުރިން ދެކުނު ކޮރެއާއިން ވަނީ އެއިވެންޓަށް އުތުރު ކޮރެއާގެ ޕާފޯމަރސް ގެންދިޔުމަށް ކުރަން ޖެހޭ ބައެއް ޚަރަދުތައް އުތުރު ކޮރެއާއިން ޖެހޭ ކަމަށް އަންގާފައެވެ. ސަބަބަކީ އެޚަރަދުތައް ކޮށްފިނަމަ، އުތުރު ކޮރެއާއާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ދެކުނު ކޮރެއާ ކުށްވެރި ވެދާނެތީއެވެ.

ފިނިމޫސުމުގެ އޮލިމްޕިކްސްގައި ބައެއް ޙަރަކާތްތައް ގުޅިގެން ހިންގާކަން ދެކޮރެއާއިން ހާމަކުރުމާއިއެކު އެމެރިކާއިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް ދެކުނު ކޮރެއާއަށް ނަސޭޙަތްތެރިވެފައެވެ.

ފިނިމޫސުމުގެ އޮލިމްޕިކްސް ކުރިއަށްދާނީ ފެބްރުއަރީ 9 އިން 25 އަށް ދެކުނު ކޮރެއާގެ ޕިޔޮންގްޗެންގް ގައެވެ.

- ކޮމެންޓް