ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތްޕުޅު ކުރައްވަނީ ސަރުކާރު ބަދަލުކޮށްލުމަށް ފަހު، ވިލާ ގްރޫޕުން ދައުލަތަށް ދައްކަންޖެހޭ ޓެކްސަކީ، ދައްކަން ނުޖެހޭ އެއްޗަކަށް ހެދުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ "ރުމާލު ދޭއް" ޖަގަހައިގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ޒަމީރު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ދެން އޮތް އެންމެ ބޮޑު ޗެލެންޖަކީ ޓެކްސް ނުދައްކައި ރިސޯޓުތައް ހިންގުން ކަމަށެވެ. އަދި އެފަދަ ކުންފުނިތަކުގެ ސަބަބުން ސަރުކާރަށް ޓެކްސް ދައްކާ ކުންފުނިތައް ވެސް ހަލާކުވެގެން ހިނގައިދާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ދުނިޔޭގެ އެހެންތަންތަނުގައި ވެސް އެ މައްސަލަ ދިމާވާ ކަމަށާއި ޓެކްސް ދައްކައިގެން އޮޕަރޭޓް ކުރާ ކުންފުނިތަކާ ހިލާފަށް، ސެޓުލްމަންޓު އެގްރިމެންޓް ހަދައިގެން ދައުލަތަށް ދައްކަންޖެހޭ ޓެކްސަކީ ދައްކަން ނުޖެހޭ އެއްޗަކަށް ހަދަން ވެސް މަސައްކަތް ކުރާ ކަމަށެވެ.
ގާސިމްގެ ވިލާ ގްރޫޕަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވީ ސެޓުލްމަންޓް އެގްރިމެންޓް ހަދައިގެން ދައުލަތަށް ލިބެންޖެހޭ ފައިސާ މައާފު ކުރަން ފުރުސަތު ދީގެން ނުވާނެ ކަމަށާއި އެ ފައިސާ ދައުލަތަށް ނުލިބިއްޖެނަމަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުދާނެ ކަމަށެވެ.
"ދެން މި އޮންނަ ގޮތަކީ ސަރުކާރު ބަދަލުކޮށްފަ ސެޓުލްމަންޓް އެގްރިމެންޓެއް ހަދާފަ، ކުރިން ދައްކަންޖެހޭ ހުރިހާ އެއްޗެއް ނުދައްކަންޖެހޭ އެއްޗަކަށް ބަދަލުކޮށްލީމަ ނިމުނީ. މިއީ ވިޔަފާރި އާއި ރާއްޖޭގެ ތަރައްގީ ހަލާކުވެގެންދާނެ ކަމަކީ. އެހެންވީމަ މި ފުރުސަތު އަޅުގަނޑުމެން ދީގެން ނުވާނެ،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އިގްތިސާދުގެ ހައްގުގައި ކުރަންޖެހޭ ކަމެއް ސަރުކާރުން ކުރާނެ ކަމަށާއި އެއީ ވިލާ ގްރޫޕާ ޖައްސާލައިގެން ކުރާ ކަމެއް ނޫން ކަމަށެވެ.
"އެއީ މިރާއްޖޭގެ ވިޔަފާރިވެރިންނާއި މިރާއްޖޭގެ އިގްތިސާދުގެ ހައްގުގައި ކުރާ ކަމެއް. މާދަމާ އަޅުގަނޑުމެންގެ އިގްތިސާދު ކުރިއަށް ގެންދާކަމުގައި ވަންޏާ، މިހާރު މި އޮތް ޑިވެލޮޕްމަންޓުގައި މާލެ އިންޓަނޭޝަނަލް އެއާޕޯޓް، ތަރައްގީކޮށް މިއޮތް ވަރަށް ގެންގޮސްދެވޭނީ،" ޒަމީރު ވިދާޅުވިއެވެ.