ޖަލުގައި އޮންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރައީސް އަބްދުﷲ ޔާމީންގެ ބައެއް ސިއްރުތައް ފަޅައި އަރުއްވަން ފެއްޓެވުމާއެކު، ގައިދީއަކާ ހަވާލާދީ ޚަބަރުފަތުރާ ފަރާތްތަކާއި މީޑިއާތަކާއިމެދު ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ބުނެ ކަރެކްޝަނަލް ސަރވިސްއިން އިންޒާރު ދީފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހޯމަ ދުވަހުގެ ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަރުޢީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކާއި ޙަވާލާދީ އެއްވެސް ވާހަކައެއް ޝާއިއުކޮށް އާއްމުކުރަން ޖެހޭނީ އެކަމާއި ގުޅޭގޮތުން ހަދާފައިވާ ޤަވާޢީދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށާއި، އެފަދަ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު މީގެ ކުރިން ދީފައިވާނެކަމަށެވެ.
ޙުކުމްގައި ތިބޭ ފަރާތްތަކުގެ ވާހަކަތައް އާއްމުކުރެވޭނެ ގޮތްތައް ބަޔަންކުރާ ޤާނޫނީ ހަމަތަކެއްކަމަށް ބުނެ ބައެއް ޤާނޫނުތަކުގެ މާއްދާތައް މިބަޔާނުގައި ވަނީ ހިމަނާފައެވެ.
Noosbayaan pic.twitter.com/h8W0EADVCS
— Corrections Mv (@Corrections_Mv) January 29, 2018
ކަރެކްޝަންސްއިން ބުނީ ޙުކުމް ތަންފީޒުކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ޝާޢިއުކުރަމުންދާ ޚަބަރުތަކަކީ ޤާނޫނާއި ޤަވާޢިދާއި ޚިލާފަށް ޝާޢިއުކުރަމުންދާ ޚަބަރުތަކެއްކަމަށެވެ.
ފިޔަވަޅު އަޅަން ފަށާފައިވާކަމަށް ކަރެކްޝަންސް އިން ބުނިނަމަވެސް، އެއީ ކޮން ފިޔަވަޅެއްކަން އަދި ފިޔަވަޅު އަޅާފައިވަނީ ކޮން ފަރާތަކާއި ދެކޮޅަށްކަމެއް ހާމަކޮށްފައެއް ނުވެއެވެ.
ކަރެކްޝަންސްއިން މީޑިއާތަކުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މިބަޔާން ނެރެފައި މިވަނީ ރައީސް އަބްދުﷲ ޔާމީނާއި ބެހޭ ގޮތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގިނަ ކަންތައްތަކެއް ފަހަކަށް އައިސް ހާމަކުރައްވަފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޢަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން ޖަލަށް ލުމުގައި ރައީސް ޔާމީންގެ އަތެއްވާކަމަށާއި، ކުރީގެ ރައީސް މައުމޫން ހެއްދެވި ބިނާތައް ނެގުމަށް ރައީސް ޔާމީން ހަރުކަށި އަމުރެއް ނެރުއްވިކަަމަށް ދާދިފަހުން އަދީބު ނެރުއްވި ބަޔާންތަކުގައި ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޖަލު ހުކުމްތައް އިއްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދައްކަވާ ވާހަކަތަކާއި ހަވާލާދީ މީޑިއާތަކުން ގެންދަނީ ޚަބަރުތައް ގެނެސްދެމުންނެވެ.