ކ. މާލެ
|
30 ޖެނުއަރީ 2018 | އަންގާރަ 01:59
ޕުޓިންގެ ކެމްޕޭން ޕޯސްޓަރެއް
ޕުޓިންގެ ކެމްޕޭން ޕޯސްޓަރެއް
އީޕީއޭ
ރަޝިޔާގެ އިންތިޚާބު
އެމެރިކާއިން އުޅެނީ ރަޝިޔާގެ އިންތިޚާބަށް ނުފޫޒު ފޯރުވަން: ޕުޓިން
ކްރެމްލިންއާއި ގުޅުން އޮންނަ ވިޔަފާރިވެރިންގެ ލިސްޓެއް ނެރުމަށް އެމެރިކާއިން ދަނީ ތައްޔާރުވަމުން

އެމެރިކާއިން މަސައްކަތްކުރަމުން ދަނީ އަންނަ މާޗްމަހު ރަޝިޔާގައި ބާއްވާ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށްކަމަށް ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ތުހުމަތުކުރައްވައިފިއެވެ.

ޕުޓިން މިތުހުމަތުކުރައްވާފައިމިވަނީ ކްރެމްލިންއާއި ގުޅުން އޮންނަ ރަޝިޔާގެ ނަންތައް ހިމެނޭ ލިސްޓެއް އާއްމުކުރާނެކަމަށް އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުން ހާމަކުރުމާއި ގުޅިގެންނެވެ.

ޓްރެޝަރީ ޑިޕާޓްމަންޓުން ހޯމަ ދުވަހު ކޮންގްރެސްއަށް ފޮނުވަން ނިންމާފައިވާ ލިސްޓުގައި ހިމެނޭ ނަންތަކަކީ ރަޝީޔާގެ ރައީސް ޕުޓިންއާއި ވެރިކަމުގެ ކޮއިލުކަމަށްވާ ކްރެމްލިންއާއި ގާތް ގުޅުމެއް އޮންނަ ވިޔަފާރިވެރިންނާއި ސިޔާސީ އިސް ބައެއް ބޭފުޅުންނެވެ. މިލިސްޓުގައި ހިމެނޭ ފަރާތްތަކާއިމެދު އެމެރިކާއިން މިވަގުތު ފިޔަވަޅު ނޭޅިނަމަވެސް، ކުރިއަށް އޮތްތަނުގައި މިލިސްޓުގައި ހިމެނޭ ފަރާތްތަކުގެ މައްޗަށް އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް މިލިސްޓުގައިވާ ނަންތައް އާއްމުކުރާނެކަމެއް ނުވަތަ ސިއްރުކޮށްފައިވައި ބާއްވާނެކަމެއް އަދި ކަށަވަރެއް ނޫނެވެ.

ކްރެމްލިން އިން ތުހުމަތުކުރާ ގޮތުގައި މިއީ އަންނަ މާޗް މަހުގެ 18 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް އެމެރިކާއިން ކުރާ ކަމެކެވެ. ރަޝިޔާގެ އިންތިޚާބަށް އެމެރިކާއިން ނުފޫޒު ފޯރުވާކަމަށް ރަޝިޔާއިން ތުހުމަތުކުރާއިރު، 2016 ވަނަ އަހަރު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވައި، ޑޮނަލްޑް ޓްރަމްޕަށް އިންތިޚާބު ކާމިޔާބުކޮށްދިނުމަށް ރަޝިޔާއިން މަސައްކަތްކުރިކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ. އަދި ކުރީގެ ރައީސް ބަރަކް އޮބާމާ މިމައްސަލައިގައި ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުއްވި އިރު، އެމައްސަލަ އެމެރިކާގެ ތަހުޤީޤުތަކާއި ބެހޭ ފެޑެރަލް އިދާރާ އެފްބީއައި އިން ގެންދަނީ މިހާރުވެސް ބަލަމުންނެވެ.

ޕުޓިންގެ ތަރުޖަމާނު ޑިމިތްރީ ޕެސްކޯވް ވިދާޅުވީ އެމެރިކާއިން މަސައްކަތްކުރަނީ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަންކަމަށްވިޔަސް، އެލިސްޓު އާއްމުކޮށްގެން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނުގެނެވޭނެކަމަށެވެ. ވާދަވެރި ގިނަ ފަރާތްތައް ބަންދުކޮށްފައިވުމުގެ ސަބަބުން އިންތިޚާބުގައި ވާދަކުރައްވާ މައި ކެންޑިޑޭޓަކީ ހަމައެކަނި ޕުޓިންއެވެ.

ކްރެމްލިން އިން ވަނީ އެމެރިކާއިން ނެރޭ ލިސްޓުގައި ހިމެނޭ ރަޝިޔާގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރަޝިޔާގެ ސަރުކާރުން މަސައްކަތްކުރާނެކަނުގެ ޔަޤީންކަން ދީފައެވެ. އަދި މިމައްސަލައިގައި މަޝްވަރާކުރެއްވުމަށް ރައީސް ވްލަޑިމިއަރ ޕުޓިންވަނީ ނިމިދިޔަ އަހަރުގެ ފަހުކޮޅު ރަޝިޔާގެ ބައެއް އިސް ވިޔަފާރިވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.

ފަހުގެ ތާރީޚުގައި ރަޝިޔާއާއި ދެކޮޅަށް އެމެރިކާއިން ފުރަތަމަ ދަތިކުރުމުގެ ފިޔަވަޅު އެޅީ އިރުމަތީ ޔޫކްރެއިންގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ. އިރުމަތީ ޔޫކްރެއިންގައި އޮންނަ ސަރަހައްދެއްކަމަށްވާ ކްރައިމީއާގެ މައްޗަށް ރަޝިޔާއިން ވަނީ އަތްގަދަކޮށް، ރަޝިޔާގެ ބައެއްކަމަށް ކަނޑައަޅާފައެވެ. މިމައްސަލައިގައި ވިލާތުގެ އިއްތިޙާދާއި އެމެރިކާއިން ރަޝިޔާއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނިކޮށް، ނިމިދިޔަ ހަފްތާގައިވެސް ހަމައެމައްސަލައިގައި ރަޝިޔާގެ އިސް ބައެއް ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވެއެވެ.

ސޫރިޔާގެ މައްސަލައާއި، އުތުރު ކޮރެއާ އަދި އީރާނުގެ މައްސަލައިގައި އެމެރިކާ އަދި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

- ކޮމެންޓް