މި ސަރުކާރުން ކުޅޭ ކުޅިވަރެއް އެހެން ބަޔަކަށް ނުކުޅެވޭނެ ކަމަށާއި ދެން ވެރިކަމަށް އަޔަސް ވެރިކަން ވައްޓާލާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރުމާލު ދޭއް ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ، ސަރުކާރުގެ އިސްވެރިން އަބަދު އިސް ސަފުގައި ވާހަކަ ނުދެއްކި ނަމަވެސް ބޮޑެތި ކަންކަން ދިމާވާ ދަނޑިވަޅުގައި އަބަދުވެސް ތިއްބަވާނެ ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީން މަގާމުން ދުރުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެކަމަށް އިޝާރަތް ކުރައްވައި ރިޔާޒު ވިދާޅުވީ ވެރިކަން ވައްޓާލުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި ޕީޕީއެމް އިން ކުޅޭ ކުޅިވައެއް އެހެން ބަޔަކަށް ނުކުޅެވޭނެ ކަމަށެވެ.
" ވެރިކަން ކުރާ ޕާޓީއަކީ ކޮންމެ ދުވަހަކު މުޒާހަރާއަށް އަންނަޖެހޭ ބައެއް ނޫން. ވެރިކަން ކުރާ ޕާޓީއަކީ ކޮންމެ ދުވަހު ޖަލްސާތައްވެސް ބާއްވަންވެސް ޖެހޭ ބައެއް ނޫން. ގައުމަށް ދިމާވާ ބޮޑެތި، މުހިއްމު ކަންކަން ދިމާވުމުން އަޅުގަނޑުމެން ފެންނާނެ. އަޅުގަނޑުމެންގެ އަޑު އިވުމަކީވެސް އިދިކޮޅު ފަރާތްތަކުން ޖެހިލުންވާނެ ކަމެއް. އެއީ އެމީހުންނަށް އެނގޭނެ، އެމީހުން އެބުނާ ސަރުކާރެއް އޮވެ، ވައްޓާލުމުގެވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ އަޅުގަނޑުމެން. އަޅުގަނޑުމެން ކުރިކަންކަން އެމީހުންނަށް ކުރެވޭނެ ކަމަށް ހީކުރުމަކީ މޮޔަކަމެއް. އަދިވެސް އަޔަސް އެމީހުން އަޅުގަނޑުމެންް ވައްޓާލާނަން." ރިޔާޒް ވިދާޅުވި އެވެ.
ސުޕްރީމް ކޯޓަށް ގޮސް މިކަންކަން ކާމިޔާބު ވާނެ ކަމަށް ހީކުރުމަކީ ކުން ހީއެއް ކަމަށާއި އެކަމެއް ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ވެރިކަމަށް އަންނަ ފަރާތްތަކަށް ވެރިކަން ދެނީ ނުވަތަ ވެރިކަމުން ބާލަނީ ކޯޓުތަކުން ނޫން ކަމަށާއި ޝަރުއީ ކޯޓުތަކުން އެފަދަ ކަންކަމެއް ނުނިންމޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ. ރިޔާޒް ވަނީ ޝައުރީ ކޯޓުތައް ހަރުދަނާކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ ރައީސް އަބްދުﷲ ޔާމީން ކަން ފާހަގަކުރައްވާފަ އެވެ.
" އަޅުގަނޑުމެންގެ ވެރިކަން ބަދަލު ކުރަންޖެހޭ ކޮން ސަބަބެއްތޯ އޮތީ، އެޑިއުކޭޝަން ދާއިރާއަށް އެކަނި ބެލިއަސް 7.3 ބިލިއަން ރުފިޔާވަނީ ހޭދަކޮށްފައި. މިއީ ރައީސް ޔާމީނަށް ތާއީދު ކުރަންޖެހޭ ސަބަބު." ރިޔާޒް ވިދާޅުވި އެެވެ.
ރިޔާޒް މިމޭރުމުން ވާހަކަދައްކަވާފައިވާ އިރު ރައީސް މުހައްމަދު ނަޝީދުއާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ ފަރާތުން ވަނީ އާދިއްތަ ދުވަހު ރައީސް މަގާމުން ދުރުކުމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ހުރިހާ ކޮރަޕްޝަނުގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި، ގާނޫނު އަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށް އެދިފަ އެވެ. އަދި އެ ތަހުގީގު ނިންމުމާ ހަމައަށް ގާނޫނުއަސާސީގެ 117 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ހާލަތެއް މެދުވެރިވެއްޖެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާކުރުމުން ރައީސް ޔާމީން އުޒުރުވެރިވެއްޖެކަމަށް ކަނޑައަޅައި ދިނުމަށް އެދިފައިވެއެވެ.