ވިލާ ކުންފުނީގެ ވެރިޔާ ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަން ނެރުއްވި ބަޔާނުން ހަޤީގަތްތަކެއް ހާމަވެ، ކުރީގެ ބަންޑާރަނައިބު އަދި މިހާރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު އިތުރަށް ފަޟީޙަތް ވެއްޖެއެވެ.
އާޒިމާ ބަޔާނެއް ނެރުއްވާފައި ވަނީ ވިލާ ގްރޫޕަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުން ދައުލަތަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ އަދަދު 2.9 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ވިދާޅުވެ ގައުމީ ޓީވީގައި އާޒިމާ ދެއްކެވި ވާހަކަތަކާ ގުޅިގެން ވިލާގެ ވެރިޔާ ގާސިމް އިބްރާހީމް ނެރުއްވި ބަޔާނަކާ ގުޅިގެންނެވެ. އާޒިމާ އަށް ރައްދު ދެއްވައި ޤާސިމް ވިދާޅުވެފައި ވަނީ އާޒިމާ އެ ހައްދަވަނީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ. އަދި އެ ވިދާޅުވާ ފައިސާތަކާ ގުޅޭ ގޮތުން ގިނަ މައްސަލަތައް ފެށީ ވިލާގެ ޤާނޫނީ ވަކީލެއްގެ ގޮތުގައި އާޒިމާ ހުންނަވައިގެން ކަމަށާއި ދަށު ކޯޓުގަޔާއި ހައި ކޯޓު އަދި ސުޕްރީމް ކޯޓުގައި ވެސް އެ ދައުވާތައް ކުރިޔަށް ގެންދެވި ކަމަށް ގާސިމް ވިދާޅުވިއެވެ. އެއިން އެއް މައްސަލަ ވިލާއާ އެއްކޮޅަށް ނިންމިކަން ވެސް އާޒިމާއަށް އެނގިވަޑައިގަންނަވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.
ގާސިމްގެ ވާހަކަތަކަށް ރައްދުދެއްވައި އާޒިމާ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ވިލާ ގުރޫޕުގެ އެކި ކުންފުނިތަކާއި، އަދި ގުރޫޕަށް ނިސްބަތްވާ އެކި ފަރުދުންގެ ނަމުގައި 2008ގެ ކުރިން، ކުއްޔަށް ހިފާފައިވާ ބައެއް ރަށްރަށާއި ބިމުގެ މައްސަލައިގައި، ސަރުކާރާއި އަދި ވިލާއާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ސަރުކާރުން ޚިލާފްވެފައިވާ ކަމަށް ބުނެ، އެމައްސަލައިގައި ކޯޓުގައި އެފަރާތްތައް ތަމްސީލްކޮށްދިނުން އެދި، ޤާސިމްގެ އެދިވަޑައިގަތުމަކަށް އެފަރާތްތައް ތަމްސީލްކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެއް މައްސަލަ ވިލާ ގުރޫޕާ އެއްކޮޅަށް ނިމިފައިވާ ކަމަށް ވެސް އާޒިމާ ވިދާޅުވެފައި ވެއެވެ.
އާޒިމާ ވިދާޅުވީ އޭގެ ފަހުން ފެބްރުއަރީ 2012 ގައި ވެރިކަން ބަދަލުވެ، އާޒިމާއަށް ބަންޑާރަނައިބުކަން ލިބުމާ އެކު އެމައްސަލަތަކުން ތަނާޒިލްވެވަޑައިގެންނެވި ކަމަށާއި އޭގެ ފަހުން އޭގެ އެއްވެސް މައްސަލައެއްގައި ވަކާލާތު ކުރައްވާފައި ނުވާނެ ކަމަށެވެ.
އެކަން އެހެން ހިނގާފައިވަނިކޮށް މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކޮށް ދެފަރާތުން ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކުރުމަށް ވިލާ ގުރޫޕްގެ ފަރާތުން ސަރުކާރަށް ހުށަހެޅިކަން ރަސްމީކޮށް އެނގުމުން ވެސް އޭރު ސަރުކާރަށް ޤާނޫނީ ލަފާ އަރުވަން ހުންނެވި ބަންޑާރަނައިބު އާޒިމާ ތަނާޒިލްވެ ވަޑައިގެންނެވި ކަމަށް އާޒިމާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި ސަރުކާރުން ވިލާއާ އެކު ވެފައިވާ އެ އެއްބަސްވުމުގައި ވެސް އާޒިމާގެ އެއްވެސް ދައުރެއް ނުވާނޭ ކަމަށް ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމައްސަލަތަކާ ބެހޭ ގޮތުން ވިލާ ގުރޫޕާއި ސަރުކާރާ ދެމެދު ވާހަކަތަކެއް ދެކެވުނު ކަމަށާއި އޭގެ ފަހުން އެއްބަސްވުމެއް ވެފައިވާކަން ވެސް އެނގިވަޑައިގަންނަވާ ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ. އަދި އެއްބަސްވުންތަކުގައި އޭރުގެ ބަންޑާރަނައިބުގެ ހައިސިއްޔަތުން އާޒިމާގެ އެއްވެސް ދައުރެއް ނުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އާޒިމާ ވިދާޅުވީ އެފަދަ އެއްބަސްވުންތަކުގެ ޒާތާއި ނަތީޖާއަށް ބަލާއިރު، ކޯޓުގައި ހުންނަ މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމުގެ އެއްބަސްވުމަކީ، އޭގެ ޒާތުގައި ދެފަރާތުގެ ޚިޔާލުތަފާތުވުންތައް ދޫކޮށްލައި، ކޯޓުގައިވާ މައްސަލަތައް އަނބުރާ ގެނެސް މައްސަލަ ޙައްލުކުރުމަށް ދެފަރާތުން ވެވޭ އެއްބަސްވުމެއް ކަމަށެވެ. އަދި ދެފަރާތުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ދެން ކުރިޔަށް ދާނީ މި އެއްބަސްވުމުގެ ޤާނޫނީ ހަމަތަކާއި އެއްބަސްވުން، ވުމުގެ ޤާނޫނީ ނަތީޖާގެ މައްޗަށް ކަމަށާއި ނަމަވެސް ކޯޓުގައި ހުރި މައްސަލަތައް އަނބުރާ ގެނައުމުގެ ޤާނޫނީ ނަތީޖާއަކަށް ވާނީ، އެންމެ ފަހުން ކޯޓުން ކުރާ ހުކުމަކީ ކޯޓުގެ ފަހުގެ ނިންމުން ކަމުގައި ވެގެން ދިއުން ކަމުގައި އާޒިމާ ވިދާޅުވިއެވެ. މީގެ އިތުރުން ކޯޓުން ބޭރުގައި ވެވޭ އެއްބަސްވުމަކީ ކޯޓުގެ ނިންމުމުގެ ޤާނޫނީ ހައިސިއްޔަތަށް ބަދަލު އަންނާނޭ ކަމެއް ނޫން ކަމަށް ވެސް އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ކޯޓުގައި ހުރި އެމައްސަލަތައް އަނބުރާ ގެނެސް ސެޓްލްމެންޓް އެގްރީމެންޓްގައި ސޮއިކޮށްފައި ވަނީ 2013 ގެ ކޮންމެ ވެސް ހިސާބެއްގައި ކަން އާޒިމާއަށް އެނގިވަޑައިގެންފައިވާ ކަމަށާއި ދަށު ކޯޓުގައި ވިލާ އިން ކާމިޔާބު ކުރި މައްސަލަ ސުޕްރީމް ކޯޓުގައި ވެސް އެގޮތަށް ނިމިފައި ވެސް ވާކަމަށް އާޒިމާ ވިދާޅުވިއެވެ. މީގެ އިތުރުން އެއްބަސްވުމުގައި މިމައްސަލަ ހިމެނޭ ގޮތުން ވިލާ ގުރޫޕުން ކޯޓަށް ހުށަހެޅި ހުރިހާ މައްސަލަތަކަށް ވަނީ ގޮތްތަކެއް ނިމިފައި ކަމަށް ވެސް ޤާސިމަށް ރައްދުދެއްވައި އާޒިމާ ނެރުއްވި ބަޔާނުގައި ވެއެވެ.
އާޒިމާ ވިދާޅުވީ ގައުމީ ޓީވީގައި ދެއްކެވި ވާހަކަތަކަކީ މީރާ އިން އެކި ފަހަރު މަތިން ހާމަކޮށް އޭގެ ފަހުން މާލީ ވަޒީރު ވެސް ޔަގީންކޮށްދީފައިވާ އަދަދުތަކެއްގެ މައްޗަށް ބިނާކޮށް ދެއްކެވި ވާހަކަތައް ކަމަށެވެ.
އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވައި ވިލާ ޝިޕިން އެންޑް ޓްރޭޑިން ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީއާ ހަވާލާދީ ވީނިއުސްގައި ބުނެފައި ވަނީ ވިލާގެ އެއްވެސް ކުންފުންޏަކުން މިއަދާ ހަމައަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ކަމަށް ދައުލަތުގެ އިދާރާތަކާއި ހަވާލުވެ ތިބި ބައެއް މީހުން އަމިއްލައަށް ދައްކާ ވާހަކައެއް ފިޔަވައި އެހެން އެއްވެސް ނިންމުމެއް ނޯންނާނެ ކަމަށެވެ.