ގާނޫނާ ހިލާފަށް ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ 17 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އދ. މާމިނގިލި މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަހްމަދު ނިހާން ހާލު ދެރެވަގެން މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާންދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ ނިހާން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ހޯމަ ދުވަހުގެރޭ 7:30 ހާއިރުއެވެ. ނިހާނަށް މިހާރު ފަރުވާދެމެންދަނީ އައިޖީއެމްޗްގެ އެމެޖެންސީ ވޯޑުގައެވެ. ނިހާންގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް ކަރެކްޝަން ސާވިސްގެ ބަހެއް ނުލިބެއެވެ.
ނިހާންގެ އާއިލާ އިން ބުނީ އޭނާއަށް ފަރުވާދެނީ ކޮންކަމަކާ ގުޅިގެން ކަން ނޭނގޭ ކަމަށެވެ. ނިހާންނާ ބައްދަލުކޮށްލުމަށް ތަކުރާރުކޮށް އެދުމުން ވެސް، ކަރެކްޝަން ސާވިސް އިން އެ ފުރުސަތު ދީފައި ނުވާ ކަމަށް އާއިލާ އިން ބުންޏެއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވެސް ނިހާން ވަނީ އައިޖީއެމްއެޗަށް ގެނެސް ޑޮކްޓަރަށް ދައްކާފައެވެ.
ގާޒީ ނިހާން 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.