ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދެކެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް ހަސަދަވެރިވާ ކަމަށާއި، އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ހައްދަވާފައިވާ ބިނާތައް ތަޅާލުމަށް ރައީސް ޔާމީން ހަރުކަށި އޯޑަރެއް ނެރުއްވި ކަމަށް ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމިން އެންމެ އަރިސް ބޭފުޅެއްގެ ގޮތުގައި، އެމަނިކުފާނުގެ އެންގެވުންތައް ތަންފީޒްކުރެއްވުމުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އަހުމަދު އަދީބް ނެރުއްވި ބަޔާނުގައި ވަނީ ރައީސް މައުމޫނާ މެދު ރައީސް ޔާމީން ދެކިވަޑައިގަންނަވާ ގޮތް ހާމަކުރައްވާފައެވެ. އެގޮތުން އަދީބް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން، ކުރީއްސުރެ ވެސް ރައީސް މައުމޫނު ދެކެ ވަރަށް ބޮޑަށް ހަސަދަވެރިވާކަން އެނގިވަޑައިގެންނެވިކަމަށެވެ. އަދި ރައީސް މައުމޫންގެ ބާރުތައް ޕީޕީއެމްގެ ތެރެއިން ކުޑަކޮށް، އެމަނިކުފާނުގެ ވެރިކަމުގައި ހައްދަވާފައިވާ ބިނާތައް ތަޅާލުމަށް ރައީސް ޔާމީން ހަރުކަށި އޯޑަރެއް ނެރުއްވި ކަމަށް އަދީބް ވިދާޅުވިއެވެ.
އެކި ހުކުމްތަކުގައި 33 އަހަރަށް ޖަލަށްލާފައިވާ އަދީބް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންނެވުމާ އެކު ރައީސް މައުމޫން އެކަހެރިކުރެއްވުމުގެ މަސައްކަތް ރައީސް ޔާމީން ފެއްޓެވި ކަމަށެވެ. އެގޮތުން ރައީސް މައުމޫނާއި، ރައީސް މައުމޫންގެ ތަޖުރިބާކާރު ހީވާގި ޓީމާއި، ޕީޕީއެމްގެ އޮފީސް އެކަހެރިކޮށް އެތަށް ދައްޗެއް ކުރިމަތިކުރުވި ކަމަށާއި، ރައީސް ޔާމީން ވަކިން އޮފީހެއް ވެސް ހެއްދެވީ ރައީސް މައުމޫން އެކަހެރިކޮށްލެއްވުމުގެ ގޮތުން ކަމަށް އަދީބް ވިދާޅުވިއެވެ.
"ތާފަތަކީ ރައީސް ޔާމީން ވަކިން ހުޅުވި އޮފީހުގައި އުޅެނީ އެއްވެސް ސިޔާސީ ތަޖުރިބާއެއް ނެތް އަދި ދިވެހި ރައްޔިތުން ނުވެސް ދަންނަ ބައެއް ކަމެވެ. އޭގެ ނަތީޖާއަކަށްވީ އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކަރު ބޮޑުތަނުން ފެއިލްވުމެވެ." އަދީބްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަދީބް ވިދާޅުވީ ރައީސް މައުމޫންގެ ބާރު ޕާޓީގެ ތެރޭގައި ކުޑަކޮށް، ރައީސް ޔާމީންގެ ބާރު ގަދަކޮށްދިނުމަށް ރައީސް ޔާމީނަށް ވާގަވެރިވީ ޕާޓީގައި ރައީސް ޔާމީންގެ ބާރާއި ކޮންޓްރޯލް އޮތުން މުހިންމު ކަމަށް އޭރު ވިސްނުންފުޅުގައި އޮތުމުން ކަމަށެވެ. ނަމަވެސް އޭރު ވެސް ރައީސް މައުމޫންގެ ތާއީދާ ނުލައި ރައީސް ޔަމީނަށް 2018 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ކަމަށާއި، އެކަމާ ގުޅިގެން ރައީސް ޔާމީން އެމަނިކުފާނު ދެކެ ވަރަށް ބޮޑަށް ކޯފާވި ކަމަށް އަދީބް ވިދާޅުވިއެވެ.
ރައީސް މައުމޫން ޕީޕީއެމުން ވަކިކުރިކުރުމަށް އިޝާރަތްކޮށް އަދީބް ވިދާޅުވީ ރައީސް މައުމޫންގެ އަތުން ޕީޕީއެމް ޖަހައިގަތުމާއި އެމަނިކުފާނުގެ އާއިލާއާ މެދު ރައީސް ޔަމީން ހިންގަވާ އަނިޔާވެރި އަމަލުތަކަކީ އޭނާ ޖަލަށް ނުލާ ހުރި ނަމަ ކަންކަން ހިނގާނެ ގޮތް ނޫން ކަމަށެވެ. އަދި ރައީސް މައުމޫންގެ އެއްވެސް ކުށެއް ނެތް ކަމަށާއި، ހަމައެކަނި މައްސަލައަކީ ރައީސް ޔާމީން ދިވެހި ޤައުމަށް ގެއްލުންވާ ކަންތައްތައް ކުރައްވާތީ އާއި ސިޔާސީ މީހުން ޖަލަށް ނުލުމަށް ރައީސް މައުމޫން ތަކުރާރުކޮށް ރައީސް ޔާމީނަށް ދެންނެވުން ކަމަށެވެ. އަދި ރައީސް މައުމޫނާއި، އަހުމަދު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫން ދެކެ ރައީސް ޔާމީން ކޯފާ ވަނީ އެ ބެފުޅުން ޤައުމުގެ ހައްޤުގައި މަސައްކަތް ކުރައްވާތީ އާއި ރައީސް ޔާމީން އެދޭ ކޮންމެ ކަމަކަށް "ޔޭސް ސާރ" އަދި "ނޯޓެޑް ސާރ" ނުކިޔާތީ ކަމަށް އަދީބް ވިދާޅުވިއެވެ.