އިންޓަލިޖެންސް އޮފިސަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި މިމައްސަލަ ތާވަލް ކޮށްފައި ވަނީ އަންގާރަ ދުވަހުގެ 11:00 އަށެވެ.
އަދީބުގެ މައްޗަށް އެ ދައުވާ ކުރަނީ އެމަނިކުފާނު ސަރުކާރުގައި އުޅުއްވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ހޯއްދެވުމަށް، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ދެ ފުލުހަކަށް ރިޝްވަތު ދިން ކަމަށް ބުނެއެވެ. އެ މައްސަލާގައި ރިޝްވަތުގެ ދައުވާގެ އިތުރުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް އަދީބުގެ މައްޗަށް ދައުލަތުން ކުރެއެވެ.
މިދައުވާތަކަކީ އަދީބުގެ މައްޗަށް ކުރާ އިތުރު އާ ދައުވާތަކެކެވެ. އަދި މިދައުވާތަކުގެ އަޑުއެހުން ބޭއްވުމަށް ތާވަލްކޮށްފައި ވެސް މިވަނީ ފުރަތަމަ ފަހަރަށެވެ.
އަދީބުގެ މައްޗަށް ރިޝްވަތުގެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. އަދީބު މިހާރު ވެސް ގެންދަވަނީ އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.