އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައަށް ހައްލެއް ހޯދުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާތާ 12 ދުވަސް ވީއިރު ވެސް ސުޕްރީމް ކޯޓުން ޖަވާބެއް ނުދިނެވެ.
ހޯމަ ދުވަހު ސުޕްރީމް ކޯޓަށް ވަޑައިގެންނެވުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަދާލަތު ޕާޓީގެ މެމްބަރު އަދި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމު ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާތީ ރައްޔިތުންގެ މަޖިލީހުގައި އެ މެމްބަރުން އަދާކުރަމުންދާ ގާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، މަޖިލީހަށް އެ މެމްބަރުން ވެންނެވުމަށް މަޖިލީހުގެ އިދާރާ އިން ވެސް ދަތިތަކެއް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އަދި މިމައްސަލައަށް އަވަސް ހައްލެ ނުލިބި ދިގުލުމަކިީ ދިވެހި ގިނަ ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށް އަނާރާ ވިދާޅުވިއެވެ.
އަނާރާ ވިދާޅުވީ ވޭދުވެދިޔަ 12 ދުވަހު، ކޮންމެ ދުވަހަކު އެތައް ވަގުތެއް ސުޕްރީމް ކޯޓުގައި ހޭދަ ކުރެއްވި ނަމަވެސް ސުޕްރީމް ކޯޓުގެ އިސްވެރިޔަކާ އަދި އުއްތަމަ ފަނޑިޔާރު ނުވަތަ އެހެން ފަނޑިޔާރަކާ ވެސް ބައްދަލު ކުރެވޭ ގޮތް ވެފައި ނުވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ބައްދަލު ކުރުމަށް އެދި ލިޔުމުން ހުށަހެޅުންވި ނަމަވެސް މިއަދާ ހަމައަށް އެޕޮއިންޓްމަންޓެއް ހަމަޖައްސާ ދެއްވާފައި ނުވާ ކަމަށެވެ.
އަނާރާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަކިކުރި ކަމަށް ބުނާ 12 މެމްބަރުންގެ މި މައްސަލައަށް ހައްލެއް އައުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ގާނޫނީ ޒިންމާ އަދާކުރުމުގެ ފުރުސަތު ލިބެންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވާ މި ޖަލްސާ ވެސް ބާއްވަނީ ދަރުބާރު ގޭގަ އެވެ.