ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އުވިފައިވާ ކަމަށް ބުނާ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ޖަވާބެއް ނުދިނެވެ.
ޕީޕީއެމް އުވިފައިވާ ކަމަށް ބުނާ ވާހަކަތަކާ ގުޅިގެން "ރާއްޖެއެމްވީ" އިން ހޯމަ ދުވަހު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނަށް ގުޅުމުން ވިދާޅުވީ ކޮމިޝަނުގެ ނާއިބު ރައީސް އަމްޖަދު މުސްތަފާއަށް ގުޅުމަށެވެ.
އަމްޖަދަށް ގުޅުމުން ވިދާޅުވީ "މިވަގުތު މި އިނނީ ކުޑަ މީޓިންގއެއްގައި" ކަމަށާއި "ފަހުން ގުޅާލާނަން،" ކަމަށެވެ. އަދި ފޯނު ކަނޑާލެއްވިއެވެ. އަދި އޭގެ ފަހުން އެތައް ފަހަރަކު "ރާއްޖެއެމްވީ" ގުޅުމުން ވެސް ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހޯދަންޖެހޭ މައުލޫމާތު ހޯދުމަށް އެކި ފަހަރުމަތިން މީގެ ކުރިން ވެސް އެތައް ފަހަރަކު އެކޮމިޝަންގެ މެމްބަރުންނަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާއިރު، އިކެކްޝަންސް ކޮމިޝަން ފާހަގަ ކުރެވެނީ މައުލޫމާތު ފޯރުކޮށްނުދޭ މުއައްސަސާއެއްގެ ގޮތުގައެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ޕީޕީއެމް އުވިފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ އެކަން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް ވެސް ގެންނަވާފައެވެ.
ޕީޕީއެމް އުވެން ދިމާވެފައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގައި، ޕާޓީއެއް އުވޭ ހާލަތްތަކުގެ ތެރެއިން، ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ޕާޓީގެ ގައުމީ ބައްދަލުވުމެއް ނުބޭއްވުމުން، ޕާޓީ އުވޭނެ ކަމަށް ބުނެފައިވާތީއެވެ.
ޕީޕީއެމް އިން އެންމެ ފަހުން އެ ޕާޓީގެ ގައުމީ ބައްދަލުވުމެއް ބާއްވާފައި ވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 އިން 19 އަށެވެ. އެހެންކަމުން މި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހުގެ ކުރިން ގައުމީ ޖަލްސާއެއް ބާއްވަން ޖެހުނު ނަމަވެސް އެ ޕާޓީން އެކަން ކޮށްފައެއް ނުވެއެވެ.
ފަސް އަހަރު ކުރިން ބޭއްވި ކޮންގްރެސްގައި އެޕާޓީގެ ރައީސްގެ މަގާމަށް ރައީސް މައުމޫން އިންތިހާބުކުރެއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އަދި ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނުފޫޒުން ވަނީ ރައީސް މައުމޫން ޕީޕީއެމުން އެކަހެރިކުރައްވައި ޕާޓީން ވެސް ވަކިކުރައްވާފައެވެ. އަދި ވޭތުވެދިޔަ އަހަރަކަށް ވުރެ ގިނަ ދުވަހު ޕީޕީއެމް ހިންގަމުން ގެންދެވީ ރައީސް ޔާމީނެވެ.
ސިޔާސީ ޕާޓީގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނަނީ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ޕާޓީއެއް އުވާލައިފި ނަމަ، އެ ޕާޓީއެއްގެ ނަން ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށް، ހަތް ދުވަހުގެ ތެރޭގައި ކޮމިޝަނުން އެކަން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް އެކަން އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އިއުލާން ވެސް ކޮށްފައެއް ނުވެއެވެ.